ސޫދާނުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުންދާ އަމަލުތައް އދއިން ކުށްވެރިކޮށްފިއެވެ.
އދގެ ޖެނެރަލް ސެކެޓްރީ އެންޓޯނިއޯ ގުޓޭރެސްވަނީ ސޫދާނުގައި މަސްލަހަތު ގެއްލިގޮސްފައިވާ ސަރަހައްދުތަކުގައި އާނިޔާވެރިކަން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވާފައެވެ. މިގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އާރްއެސްއެފް ޖަމާއަތުގެ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.
ގުޓޭރެސްގެ ތަރުޖަމާނު މައުލޫމާތު ދެއްވިގޮތުން އޭނާ ހުންނެވީ އާރްއެސްއެފްގެ އަމަލުތައް ހުރިގޮތާއިމެދު ހައިރާންވެ ކަންބޮޑުވެވަޑައިގެންފައެވެ. އަދި އެ ޖަމާއަތުންދަނީ ބައެއް ސަރަހައްދުތަކަށް ކެނޑިނޭޅި ހަމަލާ ދެމުންކަމަށް އިޝާރާތްކޮށްފައިވެއެވެ. ގުޓޭރެސްވަނީ އެ ސަރަހައްދުގައި އާރްއެސްއެފްއިން ހަމަލާތައް ދެމުންދާތާ 500އަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހުއްޓުމެއް ނެތިކަމަށް ބުނުމުގެ ފުރުސަތު އޮތް މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ގެދޮރުނެތް ހާލަތަށް ގޮސްފައިވާއިރު ޓެންޓުތަކުގައި ދިރިއުޅުންވެސް ނުރައްކަލަކަށްވެފައިވާކަން ހާމަކޮށްފައިވެއެވެ.
މި އަހަރުގެ އޮގަސްޓު މަހަށް ފަހުވެސް އެސަރަހައްދުގައި 125 އާންމުން މަރާލާފައިވާއިރު ގަސްތުގައި މީހުން މެރުމަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަމުގެ ކަންބޮޑުވުންވެސް އެބަ އޮތެވެ. މިފަދަ ހާލަތެއް އޮތުމުން މީހުން މަރުވި އަދަދު ރެކޯޑުކުރެވިފައިވާ މިންވަރަށްވުރެ މަތިވުމުގެ ފުރުސަތު އޮވެއެވެ.
ގުޓޭރެޒްވަނީ ސޫދާންގައި އިންސާނީ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނުތަކާއި ހިލާފުވެގެންދާ މިންވަރުގެ ޖަރީމާތައް ހިނގަމުންދާކަމުގެ އަޑުއުފުއްލަވާފައެވެ. އަދި މި އަމަލުތަކުގެ ތެރޭގައި ވަކި ނަސްލަކަށް އަމާޒުކޮށްގެން ހިންގާ ޖަރީމާތައް ހިމެނުމުގެ ފުރުސަތު އޮތްކަމަށްވެސް ހިއްސާކުރެއްވިއެވެ.
އެހީތެރިވުމުގެ ގޮތުން މުދާ ފޯރުކޮށްދިނުމަށްޓަކައި ތައްޔާރީ ހާލަތެއްގައި އޮތްކަންވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް އާރްއެސްއެފްއިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އެހީ ދިނުމުގައި ދަތިތަކާއި ކުރިމަތިވާކަމަށާއި އިންސާނީ އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްވެސް ހަމަލާތައް ދިނުމުގެ މައްސަލަތައް ފެންމަތިވަމުންދާޚމަށެވެ.
ގުޓޭރެޒްވަނީ ވަގުތުން ވަގުތަށް އެފް ފަޝޭރް ސަރަހައްދުގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އާންމު ރައްޔިތުން ރައްކައުތެރިކުރުމަށާއި އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައްެ އެޅުމަށްވެސް ގޮވާލެއްވިއެވެ.

