މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ބިލެއް ފާސްކުރުމަށް މަސައްކަތް ކުރަމުންދަނީ ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތައް ރައްޔިތުންނަށް ތިލަވާން ފެށުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު ފާސްކުރަން ސަރުކާރުން ބޭނުންވާ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތައް ރައްޔިތުންނަށް ތިލަވާން ފެށުން ހިމެނޭކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއާއި ދައުލަތުގެ އާމްދަނީ ނަހަމަ ގޮތުގައި ބޭނުން ކުރެވެމުންދާ ކަމަށާއި، އެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ހުއްޓުވުމަކީވެސް މި ބިލުގެ މަޤްސަދެއް ކަމަށެވެ.
އެ ވާހަކަތައް ހުއްޓުވުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުން އެއީ މިބޭފުޅުން ބޭނުންވާ ގޮތަކީ
މީގެ އިތުރުން، ލޯކަލް ކައުންސިލު އިންތިޚާބު ބޯމަތިވަމުންދާއިރު، އެ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ކުރަމުންދާ ދަތުރުތަކުގެ ސަބަބުން ރައްޔިތުންނަށްވެސް ގިނަ ކަންކަން ސާފުވަމުންދާކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުތައް ހުއްޓިފައި ހުރީ ބަޖެޓުގައި ފައިސާ ނެތިގެން ނޫން ކަމަށާއި، ކަންކަން ހުއްޓިފައި ހުރީ ސަރުކާރުގެ ނާޤާބިލުކަމާއި ނޭއްގާނީ އަމަލުތަކުގެ ސަބަބުންކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ ކަންކަން މިއަދު ހުރީ ހުއްޓިފައި ކަމަށާއި، އެކަން އެހެން ވާން ޖެހުނީ ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ. އަދި އެކަންކަން ރައްޔިތުންނަށް ސާފުވާން ސަރުކާރުން ނޭދޭކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބިލުގެ މަޤްސަދަކީ ޓާގެޓުކޮށްގެން ވަކި މީޑިއާ ޗެނަލްތަކެއް ހުއްޓުވުންކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ބިލު ފާސްވެއްޖެނަމަ ވަކިވަކި ޗެނަލްތަކުގެ ބާރު ކަނޑުވާލައި، އެ ޗެނަލްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، މި ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންތަކާއި، ލާމަރުކަޒީ ޤާނޫނަށް ދިން ޙަމަލާތަކާއި، އެފަދަ އެތައް ކަންކަމެއްގައި އެމްޑީޕީން ނުކުމެ އަޑު އުފުލާފައިވާނެ ކަމަށާއި، އެކަންކަން ކުށްވެރިވެސް ކޮށްފައިވާނެކަމަށެވެ.

