ގައުމެއް ތަރައްގީވެފައިވާކަމަށް ބެލެވޭނީ އެ ގައުމެއްގެ ރައްޔިތުންނަށް ހިތްހަމެޖެހިގެން ލުއިފަސޭހަކަމާއިއެކު ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުމުންނެވެ. މި އިންތިޒާމުތަކުގެ ތެރޭގައި އިޖްތިމާއީ އަދި އިޖްތިސާދީ ކަންކަމުގެ އިތުރުން، ޝަރުއީގޮތުންވެސް ރައްޔިތުންނަށް ހޯދައިދެވޭ ހިތްހަމަޖެހުން ހިމެނެންޖެހެއެވެ.
ކަން މިހެން އޮތްއިރު، ސަރުކާރަކަށްފަހު ސަރުކާރެއް އިންތިހާބުވެ، ފައިބައިގެންދާއިރުވެސް އެދެވޭ މިންވަރަށް ރައްޔިތުންނަށް އެ ހިތްހަމަޖެހުން ހޯދައިދެވިފައިނުވާކަން ފާހަގަކުރެވެއެވެ. އެއް ސަބަބަކީ ލާހޫރޭ ގޮތެއްގެ މަތިން މަސައްކަތްތައް ކުރެވެމުންދިއުމެވެ. އަނެއް ސަބަބަކީ، ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުން އެދެމުންދާ ކަންކަމަށް ނުވުމެވެ.
ފަސް އަހަރުގެ ދައުރެއް ނިމި، އިންތިހާ ބޮޑެތި ބަޖެޓުތަކެއް ހުލިވެގެންދާއިރު، ދެން ފެންނަނީ އަންނަ އިންތިހާބުގައި ރައްޔިތުން އެއްކަލަ މީހުންނަށް ނޯ ޖަހާލާ މަންޒަރެވެ. އިވެނީ ހުވަފެންތަކެއް ދެއްކުމަށްފަހު އެއްކަމެއްވެސް ހަގީގަތަކަށް ނުހެދުނު ވާހަކައެވެ. އިވެނީ ރައްޔިތުންގެ ގާތުގައި ހޭވެސް އަހާނުލި ކަމުގެ ޝަކުވާގެ އަޑުތަކެވެ.
އެހެންކަމުން، ގައުމެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެ ގައުމުގެ ރައްޔިތުންގެ ރައުޔު ލިބި، އެ ހިޔާލުތަކާއި މަޝްވަރާތަކުގެ މަތިން ކަންކަން ކުރެވިގެންދިއުން ވަރަށް މުހިންމެވެ. ހަމަ އެހެންމެ ރައްޔިތުންވެސް ކުރިމަގާއިމެދު ވިސްނައި ފިކުރުކޮށް އެކަމެއް ހިއްސާކުރުން ބޭނުންތެރިއެވެ.
ރާއްޖެއަށް ކުރިއެރުން ލިބުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮންމެ ފަސް އަހަރަކަށްފަހު ދަތުރުގެ މިސްރާބު ބަދަލުކޮށް މުޅިން އައު މަންޒިލަކަށް ފެށުމެވެ. އެ ދަތުރުގެ ވަކި ހިސާބަކުން އަނެއްކާވެސް ޝަކުވާ ގިނަވެ މިސްރާބު ބަދަލުކުރާތަން ފެނެއެވެ. އާޚިރުގައި އެއްވެސް އައްސޭރިއަކާއި ކައިރި ނުކުރެވިދާއިރު، މިފަދަ ގޮތަކަށް އަމަލުކުރަމުންދާނަމަ ދެން އޮތީ ހަކަތަ ހުސްވެގެން ހުއްޓުމާއި ދުނިޔޭގެ އޮއެވަރުގެ ތެރެއިން އުފެދޭ ރާޅެއްގައިޖެހި ފެތުމެވެ. އެއީ އެއްވެސް ބަޔަކު އެދޭނެ ގޮތެއް ނޫނެވެ.
މިސްރާބެއް ޖަހާނަމަ އެކަން ކުރަންވީ ރައްޔިތުން އެއްބަސްވެ އެކައްޗެއް ކިޔައިގެން، ހުރިހާ އެންމެގެވެސް ހިޔާލާއި މަޝްވަރާގެ މަތިންނެވެ. މާލިމީއެއްގެ ގޮތުގައި ހުރި މީހަކާއިމެދު ނުރުހޭ ބަޔަކު ތިއްބަސް، އެ ބައެއްގެވެސް އެއްބަސްވުން ގައުމުގެ މިސްރާބު ކަނޑައެޅުމުގައި އޮތުން މުހިންމެވެ. ތުން ދަމައިގެން ތިބުމުގެ ބަދަލުގައި އަމާން އައްސޭރިއަކަށް ދެވޭކަން ކަށަވަރުކުރެވޭނެފަދަ ހިޔާލެއް އޮތް ނަމަ ހުށައަޅަންޖެހެއެވެ. އެއީ ހަގީގަތުގައިވެސް ގައުމަށް ބޭނުންވާ މަޝްވަރާކަމަށްވުމުގެ ފުރުސަތު އޮވެއެވެ. އަދި ތަނަކު ފަސްގަނޑެއް އޮތަސް، އެއީ ރައްޔިތުންނަށް އެތަނެއްގައި އާބާދުވެ އުޅެވޭނެ ވަރުގެ ތަނަކަށް ނުވެދިއުން އެކަށީގެންވެއެވެ.
ދަތުރެއް ފަށާއިރު މަންޒިލާއިމެދު އަދި އެތަނުގައި އޮތް ކުރިމަގާއިމެދު ކޮންމެހެންވެސް ވިސްނާލުން މުހިންމެވެ. އިންސީންކަމަށްވުމުން ދިގު ދަތުރެއްގެ މަތީގައި ކަން ދިމާވާ ގޮތުން އެހެން މީހަކު ހަވާލުވިޔަސް، މިސްރާބު ހިފެހެއްޓިގެންދާކަން ކަށަވަރުކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބެލުމުގެ ދަށުން މިފަދަ މަސައްކަތްތަކެއް ކުރެވެން ފަށައިފިއެވެ. ރާއްޖެއަކީ 2040ގެ އަހަރުތަކުގެ ތެރެއަށްދާއިރު ވިލުންތެރި ގައުމަކަށް ހެދުމަށްޓަކައި ދުރު ރާސްތާއަށް ވިސްނައިގެން ރާއްޖޭގެ ތަރައްގީގެ މިސްރާބު ކަނޑައެޅިގެންދާނެއެވެ. ނަމަވެސް މިކަން ކުރާނީ އެމަނިކުފާނާއި ކެބިނެޓު ވަޒީރުންނެއް ނޫނެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ރައްޔިތުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިނިވަން ކޮންސަލްޓަންސީ ފާމަކުން ދިރާސީ މައުލޫމާތު އެއްކުރުމުގެ ގޮތުން ރައްޔިތުންގެ ގާތަށް ދާނެއެވެ. މިއީ ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ވިސްނަންވީ އެއަރޕޯޓާއި ބަނދަރަށްވުރެ ބޮޑަށް ގައުމުގައި ހަމަޖެހިގެން ލުއިފަސޭހަކަމާއިއެކު ދިރިއުޅެވޭނެ ގޮތްތަކަށެވެ. ގައުމުގެ ކުރިމަގާއިމެދު ސުވާލު ނުއުފެދޭނެ މިންގަނޑަށް ރާވާ އިންތިޒާމު ކުރުމަށެވެ. ވިސްނަވަންވީ ދަރިންނާއި އެވެރިންގެ ފަހަށް އަންނާނެ ޖީލުތަކުގެ ކުރިމަގަށެވެ.
ތަރައްގީގެ ޕްލޭނެއް އެކުލަވާލާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ތަފާސްހިސާބުތަކާއި ދިރާސާތަކަށްވެސް ރިއާޔަތްކޮށްގެންނެވެ. ދެމެހެއްޓިނިވި ގޮތެއްގައި ތަރައްގީގެ މިސްރާބު ކަނޑައެޅޭނީ މިގޮތަށެވެ.
އެހެންކަމުން ނަފްސާކުރުން މުހިންމު ސުވާލުތަކެއް ހުންނާނެއެވެ. ތަރައްގީއަކީ ހަމައެކަނި ބަނދަރެއްތޯއެވެ؟ އެއީ އެއަރޕޯޓެއްތޯއެވެ؟ ނޫނީ އެއީ ދަރިންނަށް ރައްކައުތެރި މާހައުލަކާއި ތިމާ އަދި މައިންބަފައިންނަށް ދުޅަހެޔޮ ހާލަތެއްގައި ތިބެވޭނެ އިންތިޒާމުތަކާއި ލުއިފަސޭހަތަކުގެ އުފާވެރިކަން ހާސިލުކުރެވުންތޯއެވެ؟ ޔަގީންވަނީ އެއްކަމެކެވެ. ތަރައްގީ މިނެކިރާއިރު ދުރުން ބަލާ ބަޔަކު ރިއާޔަތްކުރާނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށެވެ.

