ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކުލަ ޖެހުމުން ދިޔަ އުންމީދުތައް މި ސަރުކާރުން ވަނީ ލޫޓުވާލާފައި: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިިކަމުގައި ރައްޔިތުން ތަރައްގީއަށް ކުރި އުންމީދުތައް މި ސަރުކާރުން ލޫޓުވާލައި، ހުއްޓުވާލައިފައިވާކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ޝާހިދު ވިދަޅުވީ، މި ސަރުކާރުން ވަނީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ލޫޓުވާލާފައި ކަމަަށެވެ. އަދި ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ރާއްޖޭގައި މިއަދު ފެންނަނީ ދިވެހި ރައްޔިތުންގެ އުންމީދުތައް ގެއްލުވާލައި، ގައުމުގެ މުޅި ހަޒާނާ ބޮޑުތަނުން ހުސްކޮށްފައިވާ މަންޒަރު ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބޮޑެތި އުންމީދުތަކާއި އެކު ދާއިރާތަކުން އިންތިހާބު ކުރުމުން، އެ މެމްބަރުންގެ އަޑު ފޭރިގަނެ ކަނޑުވާލާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ގާއިމުކޮށްފައިވާ އަދުލުއިންސާފުގެ ބާރުގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އުންމީދާ އޮތް ޔަގީންކަން ވެސް ލޫޓުވައި، ފޭރިގެންފައިވާކަމަށެވެ. އަދި އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދައި، ކަންކަން ނުފޮރުވާނެކަމަށް ވައުދުވުމަށް ފަހު އެންމެ ބޮޑަށް ސިއްރު ކުރަނީ ވެސް މި ސަރުކާރުންކަމަށް ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ބޮޑެތި ހޭދަތައް ހުއްޓާލުމަށް ގޮވާލައި ޝާހިދު ވިދާޅުވީ، އެންމެ ފަހުން ވެސް މައުލޫމާތުތައް ސިއްރުކޮށްގެން ގެނައި ޑްރޯންތަކުގެ ވެސް މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށެވެ. އަދި ރައްޔިތުންގެ ބާރުވެރިކަން އަތޮޅުތަކާއި ރަށްތަކުގައި ގާއިމު ކުރުމަށް ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ލާމަރުކަޒީ ނިޒާމު ވެސް މި ސަރުކާރުން އެއްކޮށް ހަލާކުކޮށްލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުން ކުރަމުން ގެންދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުންމީދުތަކެއް.. އެ އުންމީދުތަކުގައި ބޮޑުތަނުން ކުލަޖެހެމުން ދިޔައީ.. އެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ގާއިމުވަމުން އައީ.. ފެންނަމުން އަރައި ހެދި ބޮޑުވަމުން ދިޔައީ.. އެ އުންމީދުތައް އެހެން ހުއްޓާ މިހާރު މިއޮތް ސަރުކާރު ވެރިކަމަށް އައުމާއި އެކު އެ އުންމީދުތަކުގައި އަތްއަޅާ ފޮރުވަން އެ ހުރިހާ ކަމެއް ހުއްޓާލައި ރައްޔިތުން ތަރައްގީއަށް ކުރަމުން އައި އުންމީދު ލޫޓުވާލައިފި… އަޅުގަނޑުމެންނަށް އާސަންދައާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ދެމުން ގެންދިޔަ ހިދުމަތްތަކުގެ ގެ ވާހަކަތައް ދެއްކެވީ އާދަޔާ ހިލާފަށް ފޮނިކޮށް… ބޭސް ތިމަންނަމެން ގެންނާނީ ޔޫރަޕުންނޭ… ސާފުކަން ވިދާޅުވީ އިންޑިއާއިން ގެންނަ ބޭސް ތިމަންނަމެންނަށް މިހާރު މާ ގޯހޭ… އިހަށް ދުވަހު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އިންޑިއާ އެކީގައި އަނެއްކާ ސޮއި އެޅިތަން….

ޝާހިދު ވިދާޅުވީ ރާއްޖޭގައި ރައްޔިތުން ބަސް ބުނުމާއި ހިޔާލުފާޅުކުރުމުގެ ޝުއޫރުތައް އާންމު ކުރުމަށް މަގުފަހިކޮށްދިނުމުގެ ބަދަލުގައި، ސަރުކާރުން ދަނީ މީޑިއާގެ ބާރުގެ މައްޗަށް އަރައިގަންނަމުން ކަމަށެވެ. ޝާހިދު ވިދާޅުވީ މިއީ ދިމަގްރާތީ ނިޒާމެއްގައި ސަރުކާރަކުން، ދޭނެ އެންމެ ބޮޑު ގެއްލުމެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، އޭރު ކޮންމެ ދުވަހަކީ ރައްޔިތުންނަށް މުޅިން އައު އުންމީދެއް ކަމަށެވެ. އަދި ރައްޔިތުން ތިބީ ސަރުކާރާއި މެދު ހިތްހަމަޖެހި، ތަރައްގީގެ އެތައް މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް އެދިއެދިކަމަށް ޝާހިދު ވިދަޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ދޮގު ވިއްކައި، ދޮގު މައުލޫމާތުތަކެއް ދީގެން ވެރިކަމަށް އައުމަށް ފަހު މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތުތަކާއި މުޅިން އިދިކޮޅަށްކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގެ އެތައް މަޝްރޫއުއެއް މި ސަރުކާރުން ގަސްދުގައި ހުއްޓުވާފައިވާއިރު، ކޮންމެހެން ކުރިޔަށް ގެންދަން ޖެހޭ މަޝްރޫއުތަކާއި ހިންގަންވީ ގޮތުގެ އެއްވެސް މަގެއް މި ސަރުކާރަށް ނޭނގޭކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުން މިވީ ދޮޅު އަހަރުގެ ތެރޭގައި އަމިއްލަ ފައިނޭންސް ހޯދައި ހިންގި ނުވަތަ އިއުލާނު ވެސް ކުރި އެއްވެސް މަޝްރޫއުއެއް ނެތް ކަމަށެވެ.

ސިއްހީ ދާއިރާއާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އާސަންދައާއި އެހެނިހެން ހިދުމަތްތަކާއި ބެހޭގޮތުން އާދަޔާ ހިލާފަށް އެތައް ވާހަކަތަކެއް ދެއްކެވި ކަމަށެވެ. އެގޮތުން ޔޫރަޕުން ބޭސް ގެންނާނެކަމަށް ބުނެ، އިންޑިއާއިން ގެންނަ ބޭސް ކަމު ނުދާކަމަށް ނުވަތަ ކޮލިޓީ ދަށްކަމަށް ސަރުކާރުން ސިފަކުރެއްވި ނަމަވެސް، ކުއްލި ގޮތަކަށް އިންޑިއާއާއި އެކު ބޭހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މިހާރު ރާއްޖޭގެ ރަށްރަށުގައި ހަކުރުބަލީގެ ބޭސް، ފަނި ބޭސް، ހިތުގެ ބަލީގެ ބޭސް، އަދި ކިޑްނީ ބަލީގެ ބޭސް ފަދަ އަސާސީ ބޭސްތައް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ. އަދި އާސަންދަ މިހާރު ”ބާސަންދައަކަށް“ ވެ، އެ ހިދުމަތް ވެސް ލޫޓުވާލާފައިވާކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިކަންކަން ދިވެހިރައްޔިތުންނަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކަށް ސިޔާސީ މީހުން ލައި، އެ ކުންފުނިތަކުން ފައިސާ ނަގައި އިންތިހާބުތަކުގައި ހަރަދުކުރަމުން ގޮސް، ހުރިހާ ކުންފުނިތަކެއް މިހާރު ވަނީ ބަނގުރޫޓުވުމުގެ ތުންފަތް މައްޗަށް ގެނެސްފައިކަމަށް ތުހުމަތުކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މުޅި ދިވެހި ދައުލަތް އޮތީ އަންނަ އަހަރުގެ އެޕްރީލް މަހު ބަނގުރޫޓުވުމުގެ މަގުމަތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: