ގދ. ތިނަދޫގައި އަޅާފައިވާ 200 ރޯހައުސް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިދިޔަ ހަފްތާ މިނިސްޓްރީން ވަނީ ތިނަދޫ ރޯހައުސްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފައެވެ. އެ އުސޫލުގައި ވަނީ އެ ރޯހައުސްތަކަށް ކުރިމަތިލެވޭނީ، އުމުރުން 18 އަހަރުވެފައިވާ، ގދ. އަތޮޅުގެ މީހުންނަށެވެ. އަދި ތިނަދުއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަަމަށް ވެއެވެ.
އުސޫލުގައި ވާ ޝާުތުތަކުގެ ތެރޭގައި ހިމެނެނީ:
- އެއްމެދު އިމާރާތަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުން،
- ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތުން
- އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ބިމަކީ ނުވަތަ އަމިއްލަ ބިމަކީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައިވާ ތަނެއް ނަމަ އެ ބިމެއް ބަހައިގެން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން އަދި މިވަރުގެ ބިމެއް ލިބޭ ގޮތަށް އޮތް ނަމަ އެ ތަނެއް ދޫކޮށްލަން އެއްބަސްވުން،
- ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ގެއެއް ލިބިފައިވާ ނަމަ އެތަނެއް ދޫކޮށްލަން އެއްބަސްވުން،
މި ކަންކަމުގެ އިތުރުން އަމިއްލަ ގޯއްޗެއް ތަރިކައިގެ އުސޫލުން ބަހައިގެން ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ބަހައިގެން އެ ގޯއްޗެއްގެ ބިމުން ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވުމާއި ރޯހައުސް އަށް އެދި ހުށަހަޅަންޖެހޭ މުއްދަތު ހަމަވާ ތާރީހާ ހަމައަށް ތިން އަހަރު ތެރޭ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުމަކީ ވެސް ޝަރުތެކެވެ.

