ރާއްޖޭގެ އިގްތިސާދު ގޯސްވެފައި ވަނީ މި ސަރުކާރުގެ ނާގާބިލުކަމާއި، ގައުމު ހިންގުމާއި ގުޅޭ އެއްވެސް ޕްލޭނެއް ނެތުމުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިއަދު މި އޮތީ ”ހަލާކުވެ ނެތި ގޮސްފައި“ ކަމަށާއި، މީގެ މައިގަނޑު ސަބަބަކީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ. އަންނަ މަހުގެ ތިނެއްގައި ”ލޫޓުވާލައިފި“ ނަމުގައި އެ ޕާޓީން ބޮޑު އެއްވުމަކަށް ނިކުންނަން މަޖުބޫރުވީ އެއް ސަބަބަކީ ވެސް މިއީކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި، ކޮވިޑް-19 ގެ ދަތި ހާލަތާއެކު ވެސް ރާއްޖޭގެ އިގްތިސާދު ބަލަހައްޓަމުން ދިޔަ ގޮތް ރައްޔިތުންނަށް ސާފުވާނެ އެވެ. ނާޒިލް ވިދާޅުވީ ދިމާވި ހުރިހާ ދައްޗަކާއި އެކު ވެސް ކަންކަން ވަރަށް ރަނގަޅަށް އޭރު މެނޭޖު ކުރެވުނު ކަމަށެވެ.
ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން އިގްތިސާދަށް އެތައް ގެއްލުންތަކެއް ވެ، މާލީ ގޮތުން ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވީ، މިއަދު މިހާ ހިސާބަށް އަންނަން ޖެހުނީ މި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށެވެ.
މިއަދު މިހާ ހިސާބަށް އަންނަން ޖެހުނީ މި ސަރުކާރުގެ ނާގާބިލުކަމުން… އަޅުގަނޑު ދަންނަވާނީކެންޑިޑޭޓް މުއިޒް، ރައީސް މުއިޒާ މިއީ ދެ ބޭފުޅުން. ކެންޑިޑޭޓު މުއިޒް އޭރު ވިދާޅުވީ ތިމަން މަނިކުފާނަށް ފައިސާ ގެންނަން އެނގެޔޭ..
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވައި ނާޒިލް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި އޭރު ރައީސް މުއިއްޒު ދެއްކެވީ ގައުމު ހަމަޔަކަށް އެޅުވުމުގެ ފޯމިއުލާ އެނގިވަޑައިގަންނަވާ ވާހަކަ ކަމަށެވެ. އަދި ބޭރުގެ އެކި ގައުމުތަކުން އެހީ ހޯދުމަކީ އެއްވެސް ދަތިކަމެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި ”ފެހި ސިގްނަލް“ އިއުލާނު ކުރެއްވިކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ގައުމަށް އޭގެ ފައިދާވާން ޖެހޭކަމަށެވެ. އަދި މާލީ އެހީތެރިކަން ލިބެން ޖެހޭކަމަށް ނުވަތަ ހޯދަން ޖެހޭކަމަށް ވިދާޅުވި އެވެ. ނާޒިލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އޭރުގެ ރިޔާސީ ކެމްޕޭނުގައި ރައްޔިތުންގެ ވޯޓު ހޯއްދެވީ، ފައިސާ ގެންނާނެ ކަމަށާއި، ރައްޔިތުންނަށް އިގްތިސާދު ފުރިހަމަކޮށްދެއްވާނެ ކަމުގެ ވައުދުވެ ކަމަށެވެ. އެހެންކަމުން، އިގްތިސާދު މިހާރު މި އޮތް ގޮތް ރައްޔިތުންނަށް ވަރަށް ސާފުވާނެކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

