ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހު ރަޝީދު އައްޔަންކޮށްފި އެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުމީ ސްޓެލްކޯގެ އެމްޑީކަމަށް އައްޔަނު ކުރީ 2023، ނޮވެމްބަރު ގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާކަމަށެވެ. އަދި ސްޓެލްކޯގެ އައު އެމްޑީއަކަށް އައްޔަނު ކުރީ ޝަމާހުކަމަށް ބުންޏެވެ.
ފަހުމީ މަގާމުން ވަކިކޮށްފައިވާ ސަބަބެއް، ޕީސީބީ ހާމައެއް ނުކުރެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ބަދަލުތައް ގެނައުމުގެ ވާހަކަތައް ދޭތެރެއަކުން ދެކެވޭއިރު، އޭގެ ތެރޭގައި ފަހުމީ އެހެން މަގާމަކަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެކަމަށް ސަރުކާރުންނާއި ފަހުމީގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވެ އެވެ.
ސްޓެލްކޯގެ އައު އެމްޑީ ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، މިދިޔަ އަހަރުގެ ތެރޭގައި އައްޔަނު ކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

