ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ނުކުރުމާއި، ގުޑް ގަވަނަންސްގެ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރަމުންދާއިރު ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކޮށްފާނެކަމާއި މެދު ސުވާލު އުފައްދައި އެ މަސައްކަތުގައި ބައިވެރިނުވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނިންމައިފި އެވެ.
20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭންގެ އެކުލަވައިލުމުގައި ބައިވެރި ނުވުމަށް އެމްޑީޕީން ނިންމާފައި ވަނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބައްދަލުވުމަކަށް އެދުމުންނެވެ. ނެކްސިއާގެ ފަރާތުން ބައްދަލުވުމަކަށް އެދުމުން، ޖަވާބުގައި އެމްޑީޕީ ބުނީ ދުރު ރާސްތާއަށް އަމާޒުކޮށްގެން، ކަންކަން ކުރަމުންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ. ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލާފައި އޮތުމަކީ، ނުހަނު މުހިންމު ކަމެއްކަމަށް އެ ޕާޓީން ގަބޫލުކުރާކަން ފާހަގަކޮށްފައި ވެއެވެ.
އެމްޑީޕީން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ކޮން ފަރާތްތަކަކާއި މަޝްވަރާކޮށްފައި ކަމެއް އަދި ކުރިއަށް އޮތް 20 އަހަރަށް ކަނޑައަޅައިފައި ވަނީ ކޮން ކަންކަމެއްކަން އެނގޭކަށް ނެތް ކަމަށެވެ. ރައީސް މުއިއްޒު މިފަދަ ޕްލޭނެއް އެކުލަވައިލައްވާނެކަމަށް ހާމަކުރެއްވި ނަމަވެސް، މިހާރުވެސް އެއާޕޯޓް އެޅުމާއި، އެކިއެކި އުމްރާނީ މަޝްރޫއުތައް އިއުލާނު ކުރުމާއި، ފަށައި ނުނިމި އެތައް ކަމެއް ހުރިއިރު، އެއްވެސް ޕްލޭނެއް ނެތި ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަމަށް އެމްޑީޕީން ބުންޏެވެ.
އެގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފުށި ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް އިއުލާނުކުރަމުންދާކަމަށް ބަޔާނުގައިވެއެވެ. މި ކަންކަމުގެ ސަބަބުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި، އަދި މި މަސައްކަތުގައި ސަރުކާރުގެ އެއްވެސް ހެޔޮ ނިޔަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ނުކުރުމާއި، ގުޑް ގަވަނަންސްގެ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމުކަމަށް ވެފައިވާކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ ކުރިންސުރެ އެކަށައަޅައިފައި ހުރި ހަރުދަނާ އުސޫލުތައް ވެސް ކުއްލިއަކަށް ބަދަލުކުރަމުން ދާތީ، އަލުން އެކުލަވައިލާ ޕްލޭނަކަށް އަމަލު ކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
މި ހުރިހާ ސަބަބުތަކަށް ބަލާއިރު، މިވަގުތު ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވުން ބޭނުންތެރިކަމަށް ގަބޫލު ނުކުރެވޭތީ، އެއްވެސް މަސައްކަތެއްގައި ޝާމިލުވުމަށް ބޭނުން ނުވާކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

