ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަކީދޫގެ މެސެޖު ސާފު؛ ރައްޔިތުން ބޭނުން ވަނީ މާލެ ކައިރިއަށް ހިޖުރަ ކުރަން!

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ރަކީދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: އިބްރާހިމް ނިއުމަތުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަދީގައި މިހާރު 100 ވެސް ހަމަނުވާ ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަ ކުރުމަށް ބޭނުންވާތީ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހަޅައިފި އެވެ.

ހަތަރު އަތޮޅަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުފުޅުގައި ވ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ރައީސް މުއިއްޒު މިއަދު ވަޑައިގަތީ ރަކީދޫއަށެވެ. ރަށުގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި ރައީސް އެންމެ ފުރަތަމަ ހުޅުވާލެއްވީ ކަންބޮޑުވުންތައް ހުށަހެޅުމަށެވެ.

އެގޮތުން ރަށުގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރީ، ރަކީދޫއަކީ ވަރަށް ގިނަ ދަތިތަކެއްގައި އޮތް ރަށެއްކަމެވެ. އަދި ދަރީންނާއި ވެސް ދުރުގައި ބައެއް މައިންބަފައިން އުޅެން މަޖުބޫރުވެފައިވާއިރު، މި ނޫން ގޮތެއް ހޯދައިދެއްވުމަށް ހުށަހެޅި އެވެ. އެގޮތުން މާލެ އަތޮޅާއި ކައިރި ރަށަކަށް ބަދަލުވެވޭނެ ގޮތް ހަމަޖެއްސުމުގައި ސަރުކާރުން، ވިސްނައި ގޮތެއް ނިންމެވުމަށް ވެސް ވަނީ އެދިފަ އެވެ.

ރަކީދޫގެ ދިރިއުޅޭ ރައްޔިތުންގެ އަދަދު އަހަރުން އަހަރަށް ދަނީ މަދުވަމުންނެވެ. އޭގެ ތެރޭގައި ސްކޫލެއް ނެތުމާއި، ބޭސްފަރުވާ ކުރެވޭނެ ގޮތެއް އަދި އަސާސީ ގިނަ ހިދުމަތްތައް ލިބެން ނެތުން ހިމެނެ އެވެ. އެހެންވެ އެ ރަށުގައި ހިޖުރަ ކުރަން ބޭނުންވެފައި ތިބި މީހުން އުޅޭތާ އަހަރުތަކެއް ވެދާނެ އެވެ. އެކަމަކު އޭރު އެކަމުގައި ހިޔާލުތަފާތު ބައެއް ފަރާތްތައް ތިއްބެވެ.

އެހެން ނަމަވެސް މިހާރު، ހިޖުރަ ކުރުން ނޫން ގޮތެއް ނެތްކަން ރަށުގެ ރައްޔިތުން ފާހަގަކުރެ އެވެ. އެއީ ކ. ތުލުސްދޫ، ނުވަތަ ރަސްމާލެ އެވެ. ރަކީދޫގެ ރައްޔިތުން ބަދަލުވުމަށް، މަރުހަބާ ކިޔާ އެއް ރަށަކީ ތުލުސްދޫ އެވެ. އަދި އެކަމަށް ގިނަ ރައްޔިތުން ތާއީދު ނަމަވެސް އެގޮތް ބައެއް ރައްޔިތުން ބޭނުން ނުވެ އެވެ. އެއީ ނުދަންނަ ބައެއްގެ ތެރެއަށް ގޮސް އުޅެން ފަސޭހަ ނުވާނެތީއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި މީހަކު ބުނީ މީހުން އާބާދުވެ އުޅެމުންދާ ރަށަކަށް ދިއުމަށް ބޭނުން ނުވާކަމަށެވެ. ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބައެއް ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، އެ ޕްރޮޖެކްޓުގެ ދަށުން ރަށަށް ވަކި ގޮތެއް ހަމަޖެއްސެވުމަށް އެދުނެވެ.

އޭނާ ބުނީ ރަށުގެ ސްކޫލު ބަންދު ކުރި ހިސާބުން، ރަށުގެ އެތައް ރައްޔިތުން ހިޖުރަ ކުރުމަށް ބޭނުންވި ކަމަށެވެ. އަދި ބައެއް މީހުންނަށް މަޖުބޫރުވީ، ދަރީން އެެހެން މީހެއް ކައިރިއަށް ފޮނުވާލުމަށް ފަހު އެ މީހުންގެ މައިންބަފައިންނާއި އެކު ރަށުގައި ތިބުމަށްކަމަށް އޭނާ ބުންޏެވެ. އެހެންވެ ތަކުރާރުކޮށް އޭނާ ބުނީ މީހުން ދިރިއުޅެމުންދާ ރަށަކަށް ބައެއް ސަބަބުތަކާއި ހުރެ، ނިކުންނާނެ ނަތީޖާއެއް ނޭނގޭތީ ބަދަލުވުމަށް ބޭނުން ނުވާކަމަށެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގައި ވަކި ސަރަހައްދެއް ހިއްކުމަށް ފަހު ބޯހިޔާވަހިކަން ހަމަޖައްސައި ތަޅުދަނޑި ހަވާލު ކުރުމުން ހިޖުރަ ކުރުމަށް ތައްޔާރުކަމަށް ވަނީ ބުނެފަ އެވެ.

މި ހުށަހެޅުންތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ ރަކީދޫގައި އާބާދީގެ ގޮތުން ވަރަށް މަދު އަދަދެއްގެ ބަޔަކު އުޅެމުން އައި ނަމަވެސް ދެ ގެސްޓް ހައުސް ހިންގަމުން ދާކަމަށެވެ. އެހެންކަމުން މިއީ ވެސް ވިސްނާލައި، މަޝްވަރާ ކުރަން ޖެހޭކަމެއްކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުއްލި ގޮތަކަށް ބައެއްގެ ވިޔަފާރިއެއް ވެސް ނުހުއްޓުވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ހިޖުރަ ކުރި ނަމަވެސް، އެ ގެސްޓް ހައުސްތައް ހިންގޭނެ ގޮތެއް ހަމަޖެހޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ގޮތް ނިންމާނީ ސަރުކާރުން.. އަޅުގަނޑުމެން މިތިބީ މާލެ ކައިރި ކޮންމެ ހިސާބަކަށް ބަދަލު ކުރުމަށް ނިންމި ނަމަވެސް.. އެއަށް އިހުތިރާމު ކުރުމަށް ތައްޔާރަށް.. ސަރުކާރުން ގޮތް ނިންމަވާ..

ބައެއް ރައްޔިތުން ހިޖުރަ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކި ނަމަވެސް އެ ހިޔާލާއި ދެކޮޅު ބައެއް މީހުން ވެސް ތިއްބެވެ. އެގޮތުން ރަށުގެ ދުވަސްވީ، މީހަކު ބުނީ އޭނާ ބޭނުން ވަނީ އަމިއްލަ އުފަން ރަށުގައި ދިރިއުޅެން ކަމަށެވެ. އަދި މި ރަށް ދޫކޮށް ދާން ބޭނުން ނުވާކަމަށް ބުންޏެވެ.

އިތުރު ޒުވާނަކު ބުނީ، ދަރިފުޅުގެ ތައުލީމަށް ދިރިއުޅެމުން ދަނީ ރަށުން ބޭރުގައި ކަމަށެވެ. އަދިި މައިންބަފައިން ކައިރިއަށް ސްކޫލު ބަންދު ދުވަސްތަކާއި ދިމާކޮށް އަންނަ އިރު އެއީ ވެސް ކުރަން ޖެހޭ ބޮޑު ހޭދައެއްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ސަރުކާރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަވަސްކޮށް އެގޮތުގެ މަތީން ވެސް ގޮތެއް ހަމަޖައްސައިދެވޭނެކަމަށް ގަބޫލު ކުރާކަމަށެވެ.

އޭނާ އެދުނީ ރަށުގެ ރައްޔިތުން ހިޖުރަ ކުރުމަށް ސަރުކާރުން ނިންމާނަމަ، އެ މުއްދަތާއި ދެމެދު ވެސް މިހާރު ވެސް ރަށުގައި ތިބި ފަރާތްތަކަށް ފުރިހަމަ ހިދުމަތްތައް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ. އޭގެ ތެރޭގައި ރަށަށް ކައިރިން ރަށްތަކުން އާދެވޭނެ ގޮތްތައް ހަމަޖައްސައިދިނުން ހިމެނެ އެވެ.

މީގެއިތުރުން އެހެން ކަންބޮޑުވުމަކަށް އޭނާ ހުށަހެޅީ، ކޮންމެ ސަރުކާރަކުން ވެސް ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރާނެކަމަށް ވައުދުވުމެވެ. އަދި އެގޮތަށް އެދިއެދި ތިބޭ ރައްޔިތުންނަށް މިއީ ދައްކާ ހުވަފެނެއްކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސަރުކާރެއް ނިމިގެންދާއިރު، ވެސް އެ ވާހަކަ ދެން ދައްކާނެ ވެރިއެއް ނުވާކަމަށެވެ.

އަޅުގަނޑުމެން ރަކީދޫއަކީ ރަން ޖަވާހިރެއް ފަދަ ބަޔަކު އުޅޭ ރަށެއް.. ހަމަ އިންތިހާބަކާއި ދިމާކޮށް.. ކޮންމެ ފަހަރަކު ވެސް ރައީސުން އައިސް ހިޖުރަ ކުރަން ތައްޔާރުވާށޭ ބުނޭ.. ހަމަ ދެންމެ ދެންމެއަކު ފޮށި ތަންމަތި ބަނދެގެން ބަދަލުވާން ޖެހިދާނެކަމަށް ބަލައިގެން ތިބެނީ.. އެހެން ނަމަވެސް ދައުރު ނިމިގެން ދާއިރު ފެންފޮދެއް ބޯލާހާ ފަސޭހައިން އެކަން ނިމިގެން ދޭ..

މީގެއިތުރުން އަނެއްކާ ވެސް ފުރުސަތަކަށް އެދުނު ކައުންސިލްގެ މެމްބަރަކު ބުނީ، މީގެ ދުވަސްތަކެއް ކުރީން ރަށުގެ ރައްޔިތުންނާއި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ވަކިވަކީން ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ހޯދި ކަމަށެވެ. އެގޮތުން މިހާރު ރަށުގައި 61 މީހުން އުޅެމުންދާއިރު އޭގެ ތެރެއިން 40 މީހުން އެދުނީ ކ. ތުލުސްދޫއަށް ބަދަލުވުމަށްކަމަށާއި، އަދި އެކަކު ފިޔަވައި ބާކީ ތިބި ފަރާތްތައް ބޭނުން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ހިމެނި ރަސްމާލެއަށް ބަދަލުވުމަށްކަމަށް އޭނާ ބުންޏެވެ.

މިނިސްޓްރީން މި މައުލޫމާތުތައް ނަގައި، ޑޮކިއުމަންޓު ކުރެވިފައި ހުންނާނެކަމަށާއި ރައްޔިތުންގެ މެސެޖު ވެސް ސާފުކަމަށް އޭނާ ބުންޏެވެ. އެހެންވެ އޭނާ ހުށަހެޅި ރައްޔިތުން ބޭނުންވާ ގޮތަށް، ސަރުކާރުން ގޮތެއް ނިންމައިދިނުމަށެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އިންތިހާބަކަށް އެކަނި ވައުދުވާ ވެރިއެއް ނޫންކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް، ބަދަލު ކުރާނީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލުން ހިދުމަތް ލިބޭނެ ގޮތުގެ މަތީންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިިޖުރަ ކުރާތަނެއްގައި ދިރިއުޅޭނެ ގެ ނުވަތަ ފްލެޓުގެ ތަޅުގަނޑި ހަވާލު ކުރާނީ އެތަނެއްގައި ވެސް ހުރިހާކަމެއް ފުރިހަމަކޮށް ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަކަށް ނޫން ގޮތަކަށް އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދަވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ފަރާތުން ލިބުނު މެސެޖާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުން ވަނީ ރައްޔިތުން އެދޭ ގޮތުގެ ވޯޓެއް ނަގައި ގޮތެއް ނިންމަން ކަމަށެވެ. އަދި އެ ނިންމުން ތަންފީޒު ކުރާނީ، ރައްޔިތުންގެ 80 އިންސައްތަ ރުހުން އޮވެގެންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހާ ހިސާބުން އަމަލީ ގޮތުން މަސައްކަތް ފެށިގެން ދާނެކަމަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވި އިރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާއި ބެހޭ ގާނޫނު ވަނީ ތަސްދީގު ކުރައްވާފަ އެވެ. ގާނޫނު ބުނާ ގޮތުގައި ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ވެސް ވޯޓެއް ނެގިދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: