ރައީސް މުއިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައީސުލްމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަނީ އިހުލާސްތެރި މަސައްކަތްތަކެއްކަމަށެވެ.
އެގޮތުން އެމަނިކުފާނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުންވެސް މިކަން ޤަބޫލުކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންނާއި ގާތަށް ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ރައްޔިތުންގެ ކިބައިން އައްސަވައި ސާފު ކުރައްވަމުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހިސާބުން ނިންމާނުލާ ރައީސް މުއިއްޒު ގެންދަވަނީ އެކަންކަން ހަމަ އެ ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކުރުމަށް އިޖާބަދެއްވަމުންކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސް މުއިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފުކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވ. ފުލިދޫއަށް ވަޑައިގަތުމުން އެ ރަށުގެ ކައުންސިލުން ދެއްކި ވާހަކައިގެ ސަބަބުންނެވެ. ފުލިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އެ ރަށަށް ވަރަށް ހާއްސަ، ތާރީހީ ދުވަހެއްކަމަށެވެ. އެގޮތުން ރާއްޖެ ދެ ފުށް ފެންނަ މިނިވަން، އިންތިހާބުތަކަށް ހުޅުވިގެން ދިޔަފަހުން، މިއީ އިންތިހާބެއްގެ ކެމްޕެއިންނަކަށް ނޫނީ ރައީސަކު އެ ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިކަމުން ރައީސް މުއިއްޒުގެ ކިބައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އޮތް ޝައުގުވެރިކަމާއި އަހަމިއްޔަތުކަން ހާމަވެގެން ދިޔަކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ދަތުރުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ފުލިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ދަތުރުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިގެންދިޔަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމަށް މިހާރު ހެދިފައިވާ ކޮންސެޕްޓްގެ ޑިޒައިނަށް ބަދަލުގެނައުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިއަދު ޢަލަމީ މަސައްކަތް ފެށުނު، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމުން މިހާރު ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުވެގެން ދާނެކަމަށް ފާހަގަކުރައްވައި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިތުރަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދެއްވުމާއި ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

