ރަށްތަކުގައި ކުރިޔަށް ގެންދިއުމަށް ހަވާލު ކުރާ މަޝްރޫއުތައް ނިންމައި ނޫން ގޮތަކަށް، ކުންފުނިތަކުން އެ ރަށަކުން ފައިބައިގެން ނުދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. އަތޮޅުގެ ރަށްތަކަށް ފަހު ރައީސް މުއިއްޒު މިވަގުތު ހުންނެވީ ފ. އަތޮޅުގަ އެވެ. އެގޮތުން ބިލެއްދޫގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި ރަށުގައި ވެސް ގިނަ ހިދުމަތްތައް ފެށުމަށް ނިންމަވާފައިވާކަމަށެވެ.
ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތްތަކުން ފެށިގެން، އުމްރާނީ ތަރައްގީއާއި ގުޅުން ހުރި މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަޝްރޫއު ޑިޒައިން ކުރުމުގައި، އެންމެ ފުޅާ ކުރެވޭނެ ގޮތަށް ބަލައި ރައްޔިތުން އެދޭ ގޮތަށް ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ކައުންސިލާއި މިނިސްޓްރީ ދެމެދު ކުރާ މަޝްވަރާގައި ބަލާނީ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެވެ. އަދި އެންވައިރޮމެންޓަލް އެސެސްމެންޓުގެ ހެދި، އޭގެ ނަތީޖާއަށް ވެސް ރިއާޔަތްކޮށް ބިން އިތުރު ކުރެވެން އޮތް މިންވަރަކަށް އެކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވީމަ އެ މަސައްކަތްކޮށް ނިންމާފައި އެމްޓީސީސީ މި ރަށުން ފައިބައިގެން ދާނީ.. ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ބިން ބޮޑު ކުރުމާއި، ބަނދަރުގެ މަސައްކަތް.. އަދި ދެން ހުރި މަސައްކަތްތައް ވެސް ހަމަ އެގޮތުގެ މަތީން ކުރިޔަށް ދާނެ..
ރައީސް ވިދާޅުވީ މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ ރަށުން ފައިބައިގެން ދާނީ މުޅި މަޝްރޫއު ނިންމުމަށް ފަހުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު ވެސް މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިޔަށް ދާނެކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި، އެ ފައިސާ ހަމަޖެހޭނެކަމަށް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ދެއްވީ ރަށްތަކުގައި ފަށާފައިވާ މަޝްރޫއުތަކާއި، ސޮއިކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ޕްރޮޖެކްޓުތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަމުގެ ޔަގީންކަމެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އެދޭ ގޮތަށް ހިދުމަތް ދިނުމެވެ. މިއާއި އެކު ރައްޔިތުންގެ ގާތަށް ވީހާވެސް ގިނައިން ދަތުރުކޮށް ކަންކަން އޮޅުންފިލުވުވުމަކީ އޭގެ އެއް ބޭނުންކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އެކި ރަށްތަކުން ސަރުކާރުން ހުށަހަޅާފައިވާ ކަންކަން ހިމަނައި ކުރިޔަށް ދާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

