ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ހިމެނޭ ޝަހީބް އިބްރާހީމްއާއިއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މިއީ ރާއްޖެއަށް މި ފަހުން ޑްރަގް އެތެރެ ކުރި އެންމެ ބޮޑު އެއް މަސަލަ ކަމަށްވާއިރު، މި މައްސަލައިގައި ޝަހީބާއިއެކު 7 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޮކްޓޯބަރު 2020 ގައި މި މައްސަލާގައި އެމީހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އެއަށްފަހު ބައެއް މީޙުން ދޫކޮށްލައިފައި ވެއެވެ.
މި މައްސަލައިގައި ހިމެނެނީ:
- ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމް
- ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ
- ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
- ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
- ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިގުބާލް
- ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ރިޔާދު
މީގެއިތުރަށް މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުއްޖަކަށްވެސް ދައުވާ އުފުލާފައިވެއެވެ. އެހެންނަމަވެސް ޖުވެނައިލް ކޯޓުންވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅާއިފައެވެ. ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުގައި ބުނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅޭ ކަމަށެވެ. އަދި އޭނާ ފިލައިގެން އުޅެން އެހީތެރިވެފައި ވަނީ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ކޯޓުން ބުނެފައިވަނީ އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށެވެ.
އަންހެނުން ހައްޔަރުކުރުމާ އެކު ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް އަމިއްލައަށް ހާޒިރުވެފައެވެ. ނަމަވެސް ޝަރީއަތަކަށް ހާޒިރުވުމަށް އޭނާ ހޯދަމުން ދިއުމުން ބަންދުގެ މުއްދަތެއް ނުޖަހައެވެ. އަދި އައިޝަތު ވަހީދާ ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޝަހީބުގެ އަންހެނުން ދޫކޮށްލިއަސް، ފިލައިގެން އުޅުމަށް އެހީތެރިތެދިނުމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

