މިދިޔަ އޮގަސްޓު މަހު ފަގީރު ހާލަތުގައި ދިރިއުޅުމުގެ ސަބަބުން ކާބޯތަކެތި ގަންނަން މާލީ އެހީތެރިކަމަށް އެދުނު މީހުންނަށް 25،720 ރުފިޔާ ދީފައިވާ ކަމަށް އެންސްޕާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
އެންސްޕާއިން އެކްސްގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ މަހު 700 މީހަކަށް 25،720 ރުފިޔާ ދީފައިވެއެވެ. މިދިޔަ ޖޫން މަހާއި ޖުލައި މަހު އެ އެހީ ފޯރުކޮށްދީފައިވަނީ 697 މީހަކަށެވެ. އެގޮތުން އެ މީހުންނަށް ދޫކުރީ ޖުމްލަ 25،600 ރުފިޔާއެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމަކުންނެވެ. އެ އެހީ ފޯރުކޮށްދެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަތުމަށެވެ.
މީޣެއިތުރަށް އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓްރީވެފައިވާ ކަމަށާއި އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އެންސްޕާއިން ބުނެފައިވަނީ މިދިޔަ މަހު އަލަށް 30 މައިންބަފައިން ރަޖިސްޓްރީކުރި ކަމަށެވެ. އެހެންވެ، އެ އަދަދު މިހާރު ހުރީ 2،870 ގައެވެ.
އޭގެ އިތުރުން، އަލަށް ރަޖިސްޓްރީކުރި ކުދިންނާއެކު 4،901 ކުއްޖަކަށް މާލީ އެހީ ލިބޭ ކަމަށް ވަނީ ބުނެފައެވެ. އެ ކުދިންނަށް މިދިޔަ މަހު 4،905،000ރ. ދޫކޮށްފައިވެއެވެ. މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ފަގީރު ހާލަތުގައި ދިރިއުޅޭ އަދި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ވެސް ސަރުކާރުން މާލީ އެހީ ދެ އެވެ. އޭގެ ތެރެއިން، ފޮސްޓް ބެލެނިވެރިއެއްގެ ގޮތުގައި ހަތަރު މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. އެ އަދަދު 97 އަށް ވަނީ އަރައިފައެވެ.
އެ ހާލަތުގައި 130 ކުދިން އެބަތިއްބެވެ. އެންސްޕާއިން ބުނީ އެ ކުދިންނަށް މާލީ އިނާޔަތުގެ ގޮތުގައި މިދިޔަ މަހު 178،500ރ. ދޫކޮށްފައިވާ ކަމަށެވެ.އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މިހާރު ލިބެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރު 1،000ރ. ލިބެއެވެ.

