ޤާނޫނުތައް ތަންފީޒު ކުރަމުންދާނީ ވަކި މީހަކަށް ބެލުމެއްނެތިކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ޙައްލު ކުރުމަށް މީގެ ކުރިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، އެއީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. މިފަދަ މައްސަލަތަކުގައި ވަކި މީހަކަށް ވަކި ގޮތެއް ހަދަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ 130 ކިލޯ ޑްރަގް މައްސަލައިގައި ދާދި ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ މީހުން ނިޒާމުގެ ތެރެއިން ހިފައި ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެންދިއުމުން އެމީހުންނަށް މިހާރު ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް މީގެ ކުރިން މިފަދަ ކަންކަމުގައި އަބަދުވެސް ފެންނަނީ ފަހަތު ފަޔަށް ބުރަވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ އިދާރާއާއި އެހެނިހެން މުއައްސަސާތަކުންވެސް އެގޮތަށް އަމަލުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން މިކަހަލަ ކަންތައްތަކުގައި އަބަދުވެސް ފަހަތު ފަޔަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން އޮންނަނީ ބުރަވެފައި. ފުލުހުންގެ އިދާރާ ވިޔަސް އެހެން ބައެއް ވިޔަސް އެމީހާއަށް ބަލާފަ އެހެން ގޮތެއް ހަދަނީ
ރައީސް ވިދާޅުވީ، މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި، ޑްރަގް މައްސަލަ ޙައްލު ކުރުމަށް ކަމާބެހޭ ޤާނޫނުވެސް އިސްލާހުކުރަން ފަށާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މަޖިލީހަށް މި ބިލު ހުށަހެޅިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކަންކަން ޙައްލު ކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިޚުލާސްތެރިކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގޭންގ ކުށްތަކާ ގުޅޭ މައްސަލައިގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެބީދައިން ކަމަށާއި، އެކަމަށް ޚާއްސަ ޤާނޫނެއް ގެނެސް މިހާރު އަމަލުކުރަންވެސް ފަށާފައިވާ ކަމަށެވެ.
ހަމައެގޮތަށް ގޭންގުތަކުގެ މައްސަލަވެސް. އެކަމާއި ގުޅޭ ޤާނޫނެއްވެސް މިހާރު ވާނީ ތަސްދީގުކުރެވި އަމަލުކުރަން ފަށާފައި
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކުރަމުންދަނީ ޤާނޫނުގެ ވެރިކަމެއް ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންވެސް ސަރުކާރުގެ ކުރިމަތީގައި ހަމަހަމަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ޤާނޫނުވެސް ހިނގަންވާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ތަންފީޒުވާގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

