ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ތެރެއިން ގިނަ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޔުއާން އެކައުންޓް ހުޅުވުމުގެ ހިދުމަތާއި އެކައުންޓްތަކުން މުއާމަލާތްކުރަން ބޭނުންވާނެ އެެހެން ހިދުމަތްތައް ތައާރަފްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
ބީއެމްއެލްގައި ޔުއާން އެކައުންޓްތައް ހުޅުވެން ފެށުމާއިއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފުރުސަތުތައް ބޭނުން ކުރެވޭ މިންވަރު އިތުރުވާނެކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއާއިއެކު، އިތުރު އިންވެސްޓްމެންޓްތަކާއި ފަންނުވެރިކަން ގެނެވި ތަފާތު ދާއިރާތައް ރާއްޖެއަށް އިތުރުވެގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން މާލީ ދާއިރާއިން، ދެ ގައުމު ކުރިއަރާ، ދެ ގައުމުގެ ގުޅުން އިތުރަށް އުޖާލާވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ދެއްކެވި ވާހަކައިގައި، މި ހިދުމަތް ތައާރަފު ކުރެވިގެން މިދިޔައީ، އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ގޮތަށްކަމަށާއި، މީގެ ތެރޭގައި ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި، މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޗައިނާ ފަދަ އުފެއްދުންތެރި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވި އަމަލު ކުރެވެން ފެށުމުން ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް މަގުފަހިވެ، އާންމުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުސަތު ފަހިވާނެކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުދާ އެ ގައުމުން އަގުހެޔޮކޮށް ހޯދުމުގެ މަގުފަހިވާނެކަމަށެވެ.
އެއްބަސްވުމަކީ ރާއްޖޭގެ އެކްސްޕޯޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެއް ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ޗައިނާ ފަދަ ބިޔަ މާކެޓަކާ އެކީ ވިޔަފާރިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން މުހިންމު ކަމުގައިވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

