ސައުދީއަރަބިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސައުދީއަރަބިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައެވެ. އަދި ސައުދީގެ ޝާހީ އާއިލާގެ އިތުރުން ވެރިކަމުގެ އިސް ބޭފުޅުންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ.
ރައީސް ވިދާޅުވީ، ސައުދީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާ ސައުދީއާ ގުޅުން ބަދަހި ކުރުމަށްވެސް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދުއާ ދާދި ފަހުން ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެއްވާ އެހީތެރިކަން، ޚާއްޞަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވާފައެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ މެދު، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

