ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރުނީގެ ރައްޔިތުންގެ އެދުމަކީ ރައީސްގެ ވައުދާއި އެއްގޮތަށް، ސިޔާސަތުތައް ތަންފީޒުވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. ބުރުނީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވައުދުތުތަކާއި އެއްގޮތަށް މަޝްރޫއުތައް ކުރިޔަށް ގެންދަވައި، ސިޔާސަތުތައް ތަންފީޒުވުމުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތ. ބުރުނީގެ ރައްޔިތުން އެދިއްޖެ އެވެ.

މިގޮތަށް ރައްޔިޔުން އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިވަގުތު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގަތުމުންނެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ބަނދަރުގެ މަސައްކަތާއި ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭހެން ގިނަ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

ރައީސް މުއިއްޒު ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ ބަނދަރުގެ މަސައްކަތުގެ އިތުރުން ޝޯ ޕްރޮޓެކްޝަން މަސައްކަތް ވެސް އެކުއެކީގައި ކުރިޔަށްދާނެކަމަށެވެ. އަދި ރަށުގެ ޒުވާނުންނަށް ހާއްސަކޮށް، ވޮލީ ކޯޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިފައިވާ އިރު، ޒުވާނުންގެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ފެށުމާއި، އޭޓީއެމްގެ ހިދުމަތް ވެސް ތައާރަފުކުރެވިގެން ދިއުމަކީ ލިބޭ ކުރިއެރުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި، މާލީ ދަތިތަކާއި ހުރެ ހުއްޓިފައި ހުރި ގެދޮރުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލޯނު ހަމަޖެއްސުމަކީ ސަރުކާރުގެ ވިސްނުންކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، ހައުސިންގެ މަޝްރޫއުތައް ހިންގާއިރު އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެތައް އެޅުމުގެ މަސައްކަތް މިހާރު ވެސް ބައެއް ރަށްތަކުގައި ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބުރުނީގައި ވެސް މި ހައުސިން މަޝްރޫއު ކުރިޔަށް ގެންދެވޭނެކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތް ސަރުކާރަށް ހުށަހެޅުމެއް އެދޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބުރުނީ ކައުންސިލްގެ ރައީސް ވަނީ ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބުރުނީއަށް ދިމާވެފައިވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވަމުން، ސަރުކާރުން އެކަންކަން ހައްލުކޮށް ރައްޔިތުންނަށް ދިމާވާ ދަތިތައް ނިމުމަކަށް ގެންނަވާނެކަމުގެ އުންމީދު ކުރާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލް ރައީސް ވަނީ ފެން ޕްލާންޓުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. ބޯހިޔާވަހިކަމުގެ ދަތިތައް ހުރިއިރު، މި ބައްދަލުވުމުގައި ރައީސް މުއިއްޒު ހައްލެއް ގެނައުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ބަހާއި އެއްގޮތަށް، މަސައްކަތްތައް ކުރިޔަށް ދިއުމަށް އެދޭކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި ބުރުނީ ސްކޫލުގެ ޓީޗަރަކު ވަނީ ސްކޫލުގެ ޖާގައިގެ ދަތިތަކާއި ސްޓާފް ރޫމްގައި އެކަށީގެންވާ ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އެ މައްސަލަ ކުރީ ސަރުކާރުގައި ވެސް ހައްލުކޮށްދިނުމަށް އެދިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަށު ކައިރީގައި ފަޅު ރަށްތައް އޮތް ނަމަވެސް އެ ރަށްތަކުގެ ބޭނުން ހިފޭ ގޮތެއް ނުވާކަމަށާއި، ރަށުގައި އާއިލާއާއި ދަރީން ގޮވައިގެން، ކުއްޖާގެ ހިތްހަމަޖެހުމަށް ދާނެ ތަނެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުން ފާހަގަކުރައްވަމުން، ކުރީ ސަރުކާރުގެ ދުވަސްވަރު ސްޓޭޝަނުގައި ފަސް ފުލުހުން ތިބި ނަމަވެސް މިހާރު ތިބީ ތިން މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގެ ކުށް ކުރުން އިތުރުވުން ހުއްޓުވުމަށްޓަކައި އަދި ޒުވާނުން މަސްތުވާތަކެއްޗަށް ވަންނަ މިންވަރު ހުއްޓުވައި، ކުދިންގެ މުސްތަގުބަލު ސަލާމަތްކުރުމަށް ފުލުހުންގެ ހިދުމަތް ފުޅާކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ. އަދި މެޖިސްޓްރޭޓު ކޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލު ހިއްސާކުރެއްވުމަށް ވެސް އެދުނެވެ.

ޓީޗަރުގެ ވާހަކައިގައި ފާހަގަކުރެއްވި ކަންކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މި ކަންކަން ހައްލުކޮށްދެއްވާނެކަމަށެވެ. އަދި ސްކޫލު މައްސަލައަށް ވެސް ރަނގަޅު ހައްލެއް ގެންނަވާނެކަމަށާއި، އެއީ ހުރިހާ ކްލާސްރޫމެއް އޭސީ ކުރުމަކީ ސަރުކާރުގެ ސިޔާސަތަށް ވާތީ އެ މަޝްރޫއު ތައް ކުރިޔަށް ދާތީކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މަލްޓި ޕާޕަސް ހޯލު ނެތް ރަށްތަކުގައި މަލްޓި ޕާޕަސް ހޯލު އަޅާއިރު، ކްލާސްރޫމްތައް އިތުރު ވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި އިތުރު މީހަކު ބުނީ، މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ބުރުނީއަށް ވަޑައިގެންނެވި ދެވަނަ ފަހަރުކަމަށެވެ. އެހެންކަމުން މިއީ ވެސް ރައްޔިތުންގެ ކަންކަން ގާތުން އެމަނިކުފާނު ބައްލަވާކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާއިރު، ބުރުނީއަކީ އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އޮތް ރަށެއްކަން ފާހަގަކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތަފާތު ކުރުމަކާ ނުލައި ހިދުމަތް ދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ. އަދި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: