ބައިނަލްއަގުވާމީ ނޫސް ބީބީސީއިން ދިވެހި ނޫސްވެރިންނަށް ހާއްސަކޮށްގެން އޮންލައިން މާސްޓާކްލާހެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. މި މާސްޓާކްލާހަކީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން އިންތިޒާމުކުރާ ޚާއްސަ ޕްރޮގްރާމެކެވެ.
މި މާސްޓާކްލާހުގައި ހަބަރު ފެތުރުމުގެ މަސައްކަތްތަކުގައި އެޑިޓޯރިއަލް އިސްނެގުން އޮންނަންވާ ގޮތާއި، ވިޔަފާރި އުސޫލުން ކޮންޓެންޓް ހެދުމުގެ އުކުޅުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ.
މީގެ އިތުރުން އާންމު ނޫސްވެރިންނާއި އެޑިޓަރުންގެ ދެމެދު ކުރެވޭ މުއާމަލާތްތަކާއި އޮންލައިން ޕްލެޓްފޯމްތަކުގެ ބޭނުންހިފާނެ ގޮތްތައްވެސް މި ކްލާހުގައި ހިމެނޭނެއެވެ.
މި މާސްޓާކްލާހަކީ ނޫސްވެރިންނާއި ޕްރޮޑިއުސަރުންގެ އިތުރުން މީޑިއާ ދާއިރާގެ އެހެނިހެން މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭނެ ކްލާހެކެވެ. ކްލާހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކިއުއާރް ކޯޑެއް ސްކޭންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި މާސްޓާކްލާސް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހެނދުނު 10:30 އިން 12:30 އަށް އޮންލައިންކޮށެވެ. ކްލާހުގައި ބައިވެރިވެވޭނީ ހަމައެކަނި ކިއުއާރް ކޯޑު މެދުވެރިކޮށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކަށެވެ.
މި މާސްޓާކްލާހަކީ ދިވެހިރާއްޖޭގެ މީޑިއާ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މީޑިއާ އޮގަނައިޒޭޝަނެއްގެ ތަޖުރިބާކާރުންގެ އަތުން ދިވެހި ނޫސްވެރިންނަށް މި ލިބޭ ފުރުސަތަކީ ދިވެހި މީޑިއާގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ.

