މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ފާސްކުރި ދުވަހު ނޫސްވެރިން މަޖިލިސް އިދާރާ ސަރަޙައްދުގައި ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ނިންމައިފިއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ދުވަހު އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް މީސްމީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ބެލުމަށް ވަނީ ނިންމާފައެވެ. މި މައްސަލަ ބަލާނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުންނެވެ.
އެ ދުވަހު މަޖިލިސް އިދާރާ ސަރަޙައްދުގައި މުޒާހަރާގައި ބައިވެރިވެފައިވަނީ ނޫސްވެރިންގެ އިތުރުން އެމްޑީޕީގެ މެމްބަރުންނާއި އާންމު ރައްޔިތުންނެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ޒާތުގެ ބިލެއް ކަމަށް ބުނެ، އެ ބިލު އަނބުރާ ފޮނުވާލުމަށް ގޮވާލާފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފައެވެ.
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި އާންމުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގެ ޝަކުވާތައް ވަނީ އާންމުވެފައެވެ. އެންއައިސީގެ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތެއްގައި، އެއީ އާންމު މަސްލަހަތު އޮތް މައްސަލައެއް ނަމަ، އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.
މި މައްސަލައާ ގުޅިގެން އެންއައިސީން ތަހުގީގު ފަށާފައިވީ ނަމަވެސް، މިހާރު މި ބިލު ވަނީ ފާސްކޮށް، ތަސްދީގުކޮށް ގާނޫނަކަށް ވެފައެވެ.

