ކުންފުނިތަކާއި މަޝްރޫއުތައް ހަވާލު ކުރުމަށް ފަހު ފައިސާ ދޫކޮށްފައި ވާތީ މަސައްކަތް ނުކޮށް އެ ކުންފުނިތަކުން ”ފިލައިގެން“ ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިވަގުތު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުފުރުޅުގެ ތެރެއިން ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގަ އެވެ.
ރައްޔިތުންގެ ފަރާތުން ސަރުކާރަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، އެ ރަށްތަކުގެ މަޝްރޫއުތައް ކުރިޔަށް ނުދިއުމެވެ. އަދި ކުރީ ސަރުކާރުގައި ރިޔާސީ އިންތިހާބުގެ ވޯޓަށް ވަރަށް ގިނަ މަޝްރޫއުތައް އިއުލާނުކޮށް ކުންފުނިތަކާއި ހަވާލުކުރުމުން ސަބްކޮންޓްރެކްޓުކޮށްފައިވާކަން ފާހަގަކުރެ އެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސް މުއިއްޒު ވިދާޅުވީ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ދަތިތައް ދިމާވީ ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މި މަޝްރޫއުތައް ކުރިޔަށްދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނައިގެން ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މަޝްރޫއުތައް ލަސްވެފައިވާ ސަބަބާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޕްރޮކިއުމަންޓުގެ ސަބަބުން ބޭރުގެ ބައެއް މަޝްރޫއުތައް ލަސްވެފައިވާކަމަށެވެ.
މީގެއިތުރުން ބައެއް ރަށްތަކުގައި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ދީފައި ހުރިއިރު، އަނެއް ބައި ރަށްތަކުގައި ފައިސާ ދޭންޖެހޭ މިންވަރަށް ވުރެ މާގިނައިން ވެސް ދޫކޮށްފައިވާ ކަން ވެރިކަމާއި ހަވާލުވިއިރު ފާހަގަ ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވީމަ ވަރަށް ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި މި ކަންކަން އޮތީ.. ކޮންސްޓްރަކްޝަން އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ.. އެހެންވީމަ އެ މީހުންލައްވައި މަސައްކަތް ކުރުމަށް އުނދަގޫ ވަނީ ވެސް.. އެއީ އެ މީހުންނަށް ހުރީ ފައިސާ ވެސް ދޫކޮށްފައި.. ދެން ކޮންޓްރެކްޓަރު ފިލަނީ އާދައިގެ ގޮތަކަށް ބުނާނަމަ.. އެހެން ނޫނީ ހަބަރު ނުވަނީ
މިފަދަ ގޮތަކަށް ވަރަށް ގިނަ މަޝްރޫއުތައް ވެސް ކުރިޔަށް ނުގޮސް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ބައެއް މަސައްކަތްތައް ކުރިޔަށް ނުދާތީ ކުންފުނިތަކުގެ އަތުން މަޝްރޫއު ނަގައި މިހާރު ވެސް އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް ހަވާލުކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމްޓީސީސީ، އެމްޑަބްލިއުއެސްސީ އަދި އާރުޑީސީ ފަދަ ކުންފުނިތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމަށް ކަމަށާއި، އެއްވެސް ދައްޗަކާއި، އުނދަގޫތަކެއް ރައްޔިތުންނަށް ނުވާނެ ގޮތެއްގެ މަތީންކަމަށް ރައީށް ވިދާޅުވިއެވެ.

