މަސްތުވާތަކެތީގެ މައްސަލަތަކަށް މި ސަރުކާރުން ދާއިމީ ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ތ. އަތޮޅަށް ވަޑައިގެން ބުރުނީގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ ރަށްތައް ސަލާމަތް ކުރެއްވުމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ނުހަނު މުހިއްމު ވައުދުފުޅެއް ކަމަށެވެ. އަދި އެކަންކަން ތަންފީޒު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށްވެސް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ކަންކަމުގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެނިވަޑައިގަންނަވާނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އެބަދޭ ޑްރަގްގެ މައްސަލާގައި ބައިވެރިވެގެން މި އުޅޭ ހުރިހާ އެންމެންނާ ދެކޮޅަށް. މީގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެނިވަޑައިގަންނަވާނެ
މީގެ އިތުރުން، ރާއްޖޭގެ ސިޔާސަތުތައް މީގެ ކުރިން އަބަދުވެސް ފެނިގެން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ ދެކޮޅަށް އެކަނިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ކަންކުރާނީ އެއަށްވުރެ ހަރުދަނާކޮށް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ މީހުން ހޯދުމަށް މަސައްކަތްތައް އަމާޒު ކުރެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަށް މި ސަރުކާރުން ދާއިމީ ޙައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

