އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީ ނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ތ. ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާނެ ގޮތުގެ މަތީންކަމަށް ވަތީ ރައްޔިތުން އެކަމާ ކަންބޮޑު ނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒު މިވަގުތު ހުންނެވީ ތ. އަތޮޅުގަ އެވެ. މިއީ މި ދަތުރުފުޅުގެ އެންމެ ފަހުރަށްވެސް މެއެވެ.
ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެސްޓީއޯއިން ކާޑުގެ އިތުރުން، އެހެން ކާބޯތަކެތީގެ ބާވަތްތަކެއް ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓު މަޝްވަރާއާއި އެކު ނިންމައި އެކަން ހާމަކުރެއްވީ މި މަހުގެ ކުރީކޮޅު އެވެ.
ކަނޑޫދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިއަދު އޮތް ޖަލްސާފައި ރައީސް ވިދާޅުވީ، އެ ރަށަކީ ދަނދުވެރިކަމުގެ ދާއިރާގެ ތެރެއިން މިރުސް ހެއްދުމަށް އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށެވެ.
ކަނޑޫދޫއަކީ ރާއްޖޭގައި މިރުސް ހައްދާ އެންމެ ބޮޑު އެއް ރަށް ކަމުގައިވާއިރު، މިރުހުގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
ވަރަށް ވަރަށް ޔަގީންކަން ދެން… ތިބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއް ނުވާ ގޮތަށް އެ ކަން ކުރާނީ… އެސްޓީއޯ އިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ހަމަ ރަނގަޅު ގޮތަށް މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައި… އޭގެ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެން.
ރައީސް މުއިއްޒު ވިދާޅުވީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި ރަށުގެ ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހަރަދު ކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރު ހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް އެ ރަށަށް ފޮނުވުމަށް ނިންމަވާފައިވާކަމަށެވެ.

