ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހުގެ މައްޗަށް މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ހުށައެޅި މައްސަލައެއް ސާބިތުވެ، އެކަން ތަކުރާރު ނުކުރުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައިވާ މި މައްސަލައަކީ ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު އެ އެއިދާރާގެ އެސިސްޓަންޓް ކައުންސިލް އޮފިސަރ، އަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލައެކެވެ. އޭނާ ބުނެފައިވަނީ ޝާހުއަކީ އޮފީހުގެ އެހެން މުވައްޒަފުންނަށްވެސް ޖިންސީ ފުރައްސާރަ ކުރާ މީހެއް ކަމަށާއި، އެއީ އޭނާގެ އާދައެއް ކަމަށެވެ. އަދި އޮފީހުގެ އެހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ގޮތުން މެސެޖުކޮށްފައިވާ ކަމަށާއި، އެކަން އެ މުވައްޒަފުން ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެއިތުރަށް އޭނާ ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާއިރުވެސް، އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ބޭއަދަބީ ވާޙަކަދައް ދެއްކުމާއި، އަތުގައި ހިފުން ފަދަ ކަންކަން ކުރާ ކަމަށް މައްސަލަ ހުށަހެޅި މުވައްޒަފު ވަނީ ބުނެފައެވެ. އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމާއި، ޖިންސީ ގުޅުން ހިންގުމަށް އެކި ފަހަރުމަތިން ދައއުވަތު ދީފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެއިތުރަށްވެސް މި މައްސަލާގައި ޝާހު، އޭނާއާއި މެދު އަމަލުކޮށްފައިވާ ގޮތުގެ އެތައް ކަމެއް ބަޔާންކޮށްފައިވެއެވެ. މި ވާޙަކަތައް ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި އެކަން، ލިޔުމަކުން ހުށައެޅުމަށް ބުނުމުން ސިޓީއެއްވެސް ގެންގޮސްފައިވާ ކަމަށް ވެއެވެ. އެ ސިޓީ ހުށައެޅުމުން ޝާހު އޭނާގެ އާއިލާއަށް ބާރާއި ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ޝާހުގެ ނުފޫޒު ބޭނުންކޮށްގެން ސިވިސް ސާވިސް ކޮމިޝަނަށް ސިޓީއެއް މުވައްޒަފުގެ ނަމުގައި ސޮއިކޮށް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައިވެސް ސިވިސް ސާވިސް ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ އޭނާގެ ނަޒާހަތްތެރިކަމާއި މެދު ކޮމިޝަނުން ސުވާލުއުފައްދާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގެ ޖަވާބު ފޯމުގައި ޝާހު ބުނެފައިވަނީ މައްސަލަ ހުށަހެޅި މުވައްޒަފު ދައްކާފައިވާ ވާހަކައަކީ ދޮގު ކަމަށާއި، ޝާހު އާއި ގުޅިގެން އެކިގޮތްގޮތަށް އެވާހަކަ ދައްކާ ކަމަށެވެ. އަދި އެކަން ކޮމިޝަނާއި ކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުން ސާފުވާން ހުރި ކަމަށްވެސް ޝާހު ވަނީ ބުނެފައެވެ. މުވައްޒަފުގެ ވާހަކަތަކަށް ބުރަވެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، ހުށައަޅާފައިވަނީ އިވުނުކަމަށް ބުނާ ވާޙަކަތަކެއް ކަމަށާއި އެއީ ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަންކަން ކަމަށް ޝާހު ވަނީ ބުނެފައެވެ.
ޓްރައިބިއުނަލުންް ބުނެފައިވަނީ މި މައްސަލައަކީ ވަކި ތާކަށް ހުށައަޅަން ޖެހޭ މައްސައެއް ކަމަށް ޝާހު ބުނެފައިވީނަމަވެސް، މި މައްސަލަ ޓްރައިބިއުނަލަށް ހުށައުޅުމުގެ ފުރިހަމަ ހައްގު މުވައްޒަފަށް ލިބިގެންވާ ކަމަށެވެ. މި މައްސަލައިގައި މުވައްޒަފަށް ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާ ކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޓްރައިބުއުނަލުން ވަނީ ބުނެފައެވެ. އެހެންކަމުން ޖިންސީ ފުރައްސާރއިގެ އެއްވެސް އަމަލެއް ތަކުރާރު ނުކުރުމަށް ޓްރައިބިއުނަލުން ވަނީ ޝާހުގެ މައްޗަށް އަމުރުކޮށްފައެވެ.
އެހެންނަމަވެސް މި މައްސަލައިގައި މުވައްޒަފުގެ ހައްގު އަނބުރާ ހޯދައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް މައްސަލަ ބެލި މަޖިލީހުން ވަނީ ނިންމާފައެވެ. މި މައްސަލަ ބެއްލެވީ، ވަޒީފާއާއި ބެހޭ ޓްރަބިއުނަލްގެ މެމްބަރު ޝަހީމާއި ސަލީމްއާއި، ޓްރަބިއުނަލްގެ ނައިބުރައީސް ފާތިމަތު މަހީރާ މުހައްމަދާއި އަދި ޓްރަބިއުނަލްގެ ރައީސް އިސްހާގު ހުސެއިންނެވެ.

