ތ. އަތޮޅުގެ ރަށްތަކަށް އާރުޓީއެލްގެ ހިދުމަތް ތައާރަފުކޮށް، އުޅަނދުތައް ވެސް އިތުރު ކުރުމުގެ މަސައްކަތްތައް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިވަގުތު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވޭމަންޑޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވަނީ ތ. އަތޮޅު ތަރައްގީގެ ރާޑަރަށް އަރާނެކަމަށް ދެއްވި ވައުދާ އެއްގޮތަށް، މަސައްކަތްތައް ކުރިޔަށް ދާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ވޭމަންޑޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމުން، ރަށުގެ ތަރައްގީއަށް ބިން އިތުރުވުން ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ސޮއި ކުރެވުނު އެއް މަޝްރޫއަކީ ވޭމަންޑޫން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުކަމަށްވާއިރު، މި މަސައްކަތަށް އެއްވެސް ލަސްތަކެއް ނައިސް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ރަށުގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގެ މަސައްކަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ބަނދަރު އަޕްގްރޭޑުގެ ނަމުން ޕްރޮޖެކްޓު ކުރިޔަށް ދިޔަ ނަމަވެސް މިއީ މުޅިން އައު ބަނދަރެއްގެ މަސައްކަތް ކަމުގައެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ނެރު ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެއެވެ. އަދި ބިން ހިއްކުމާއި، މަގު ހެދުމުގެ އިތުރުން ވެސް އެހެން މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވިއެވެ.
މިއަދު ރައީސް މުއިއްޒު ވޭމަންޑޫއަށް ވަޑައިގެން، އަތޮޅުގެ އާރުޓީއެލްގެ ހިދުމަތް ވެސް ވަނީ ފައްޓަވާދެއްވާފައެވެ. މި ހިދުމަތުގެ ދަށުން ލޯންޗުތައް އިތުރު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ތ. އަތޮޅުގެ ރަށްތައް އެ ރަށް އަނެއް ރަށާއި، ދުރުދުރުގައި އޮތުމުގެ ސަބަބުން އިތުރު އުޅަނދުތައް ބޭނުންވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ސަބަބުން ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުން އެހެން ރަށްތަކަށް ދިއުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑުތަނުން ހައްލުވެގެން ދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ނިޒާމު ގާއިމުކޮށް ނިމޭނެކަމަށް ވިދާޅުވިއެވެ.

