ތ. އަތޮޅު ތަރައްގީގެ ރާޑަރަށް އަރައި؛ ކިނބިދޫ-ވޭމަންޑޫ ކޯޒްވޭގެ ވައުދު ހަގީގަތަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ކިނބިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއު ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ރަށުގައި ވެސް ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްކެވި ޔަގީންކަމަކީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިޔަށް ދާނެކަމަށެވެ. އަދި މަޝްރޫއުތައް ނުހުއްޓި ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަށް ސަރުކާރުން ވެފައިވާ ވައުދާއި ގުޅޭގޮތުން ވެސް ރައީސް ވާހަކަ ދެއްކެވިއެވެ.
މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ވޭމަންޑޫއަށް ވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންނަށްވެފައިވާ ވައުދެކެވެ. މިކަން ކުރުމަށް ވަރަށް ގިނަ ގޮތްގޮތުން މަޝްވަރާ ކުރެވި، ދުރުމިން ހުރި ގޮތާއި ކޯޒްވޭއާއި ގުޅޭ ކަންކަން ހުރި ގޮތަށް ބަލާއިރު އެންމެ ފީޒަބަލް ގޮތަކީ، ސަރުކާރުގެ ސީދާ ބަޖެޓުގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ވުރެ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް/ލޯން ފައިނޭންސް މޮޑެލްއެއްގެ ދަށުން ކުރިޔަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޯޒްވޭ މަޝްރޫއުއަށް ޝައުގުވެރިކަން ހުރި ފަރާތްތައް ޝައުގުވެރިކަން ހުށަހެޅުމަށް މި މަހުގެ 22 ގައި ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކޮށްފައިވާލަން ރައީސް ފާހަގަކުރެއްވި އެވެ.
މިއީ ވޭމަންޑޫއާއި ކިނބިދޫ ދޭތެރޭގައި އޮންނަ އެލާގަ ރަށް، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އިންވެސްޓު ކުރުމާ ގުޅިފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ދަށުން ޕްރޮޖެކްޓު ނަގާ ފަރާތުން ކްރޮސް ސަބްސިޑީ މޮޑެލްއެއްގެ ދަށުން، ކޯޒްވޭ ހެދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަދި އެ ކުރާ އިންވެސްޓުމަންޓު ރިކަވަރ ކުރުމަށް އެހެން މޮޑެލްތައް ވެސް ފައިނޭންސް ކުރެވޭ ގޮތަށް މަގުފަހިވެގެން ދާނެކަމަށް ރައީސް ވިދަޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ވަރަށް ކާމިޔާބުކަމާއި އެކު ކުރިޔަށް ދާނެ މަސައްކަތެއް ކަމަށާއި، މި މަޝްރޫއުއާއި އެކު ޓޫރިޒަމްގެ ފޮނި މީރުކަން އަތޮޅަށް ގެނެސްދެވޭނެ ކަމަށެވެ. މިއާއި އެކު މުޅި އަތޮޅަށް ޓޫރިޒަމް ގެނައުމަށް މިހާރު ދީފައިވާ ލުއިތަކުގެ ސަބަބުން، ތ. އަތޮޅަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުރިއަރައިގެންދާނެ އަތޮޅެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

