އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ތ. އަތޮޅުގައި އެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ޚިދުމަތެއް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައީސް ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް، ތަރައްޤީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ދެވެން ފެއްޓެވުމާއެކު، ކޮޅުމަޑުލުގެ ނެޓްވަރކްއަށްވެސް އިތުރު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތ އަތޮޅަކީ އެމްޓީސީސީން މި ހިދުމަތް ދޭން ފެށި 12 ވަނަ އަތޮޅެވެ. މި ޚިދުމަތާ ގުޅޭ މައުލޫމާތު ދެމުން ރާންސްޕޯޓު މިނިސްޓްރީން ބުނީ، ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން މިއީ ރައްޔިތުން ޚިދުމަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކުރާ ދަތުރުތަކެެވެ.
ތ. އަތޮޅުގައި ހިދުމަތް ދިނުމަށް ޒަމާނީ 2 ހައި ސްޕީޑު ފެރީ ބޭނުން ކުރާނެ އެވެ. އަދި ހަފްތާގެ 6 ދުވަހު 5 ރޫޓަކުން ފެރީ ހިދުމަތް އޮންނާނެއެވެ.

