ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލުގެދަށުން އަމިއްލަ ފަރުދުންނަކަށް އޮންލެންޑެއް ނުކުރެވޭނެ ކަމަށާއި އަދި ލޯނެއް ވެސް ދުލެއް ނުކުރެވޭނެކަމަށް ފިނޭންސްމިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް ކަނޑައެޅީ ދައުލަތުގެ ނަމުގައި ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ބަލާ މިންގަނޑުތަކާއި، ލޯނަށާއި އޮންލެންޑް ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތާއި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީން އެކުލަވާލި އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ، ހަމަހަމަކަމާއި ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމެވެ.
ފިނޭންސްމިނިސްޓްރީން އެކުލަވާލިމިއުސޫގެދަށުން ލޯނު ދޫކުރެވޭނީ ދައުލަތުގެ ބޭނުންތަކަށް އެކަންޏެވެ. ދައުލަތުގެ ބޭނުންތައް ކަމަށް ބަލާނީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މުޅި މުޖުތަމަޢަށް ނުވަތަ މުޖުތަމަޢުގެ ބޮޑުބަޔަކަށް އެ ކަމުން ލިބޭނެ މަންފާއެއް އޮތު ނުވަތަ އެ ކަމަކީ ސަރުކާރަކަށް ވީތީ، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށް ވުން؛ ނުވަތަ އެ ކަމެއް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ، ވަކިފަރުދެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުން ކަމުގައި ބެލޭ ކަމެއް ކަމުގައި ނުވުމާއި އެ ކަމަކީ، އާންމު ޞިއްޙަތާއި، އާންމު ރައްކައުތެރިކަމާއި، އާންމު މަޞްލަޙަތާއި، އަމަންއަމާންކަމާއި، ޤައުމުގެ ކުރިއެރުމާއި، ޤައުމުގެ ފުދުންތެރިކަމުގެ ތެރެއިން ކަމެއް ހާސިލުވުމަށް މަގުފަހިކުރާކަމަކަށްވުންކަމަށްގަވާއިދުގައިބުނެފައިވެއެވެ.
ފިނޭންސްމިނިސްޓްރީން އެކުލަވާލި ގަވާއިދުގައިގެދަށުން ލޯންދޫކުރެވޭނެފަރާތްތަކަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ޤައުމީ ޖަމްޢިއްޔާއެއްކަމަށް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތަކަށެވެ.
ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލުގެދަށުންލޯން ދޫޚުރެވޭނެ ލިމިޓަކީ ވަކިވަކި ލޯނުގެ ގޮތުގައި ދޫކުރެވޭނެ މިންވަރު ކަނޑައަޅާނީ ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަޞްލަޙަތު އޮތް މިންވަރަށާއި، ކްރެޑިޓް ރިސްކަށާއި، ލޯނު ނަގައިގެން ހިންގުމަށް ކަނޑައަޅައިފައިވާ މަޝްރޫޢުގެ ފީސިބިލިޓީއަށް ބެލުމަށްފަހުއެވެ. މީގެ އިތުރުން ޤައުމުގެ އިޤްތިޞާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރަށާއި، ލޯނު ދޫކުރުމުން މާލިއްޔަތަށް ކުރާނެ އަސަރަށް ބެލޭނެއެވެ. އަދި ލޯނު ދިނުމަށް ސަރުކާރަށް ކުރިމަތިވާ ހީރާސްތައް ބެލުމަށްފަހު، ލޯނަށް ސެކިއުރިޓީއެއް ހުށަހެޅުމަށް ޝަރުޠު ކުރެވިދާނެކަމަށް ފިނޭންސްމިނިސްޓްރީން އާންމުކުރި އުސޫލުގައިބުނެފައިވެއެވެ.
އުސޫލުގެ ދަށުން ދޫކުރާ ލޯނުތައް ގަވާއިދުން ބަލަހައްޓައި، އަނބުރާ ދެއްކުމަށް އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ލޯނު އަނބުރާ ދައްކަމުންދޭތޯ، މިނިސްޓްރީގައި އެކަމަށް ކަނޑައަޅައިފައިވާ ފަރާތަކުން ބަލަމުން ގެންދަންޖެހޭނެއެވެ. ހަމައެހެންމެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ލޯނު އަނބުރާ ދައްކަމުން ނުދާ ނަމަ، މިނިސްޓަރުގެ ސަމާލުކަމަށް އެކަމެއް ގެނެސް، ލޯނު އަނބުރާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް މިނިސްޓަރުގެ ލަފާގެ މަތިން އަޅަންވާނެކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

