ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން އެކި ރަށްރަށަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ގޮންޖެހުމެކެވެ. މިއީ ކޮންމެ ސަރުކާރަކާއިވެސް ކުރިމަތި ކުރުވާ ކަމެކެވެ. އަދި ބޮޑެތި މަޝްރޫއުތައް ފެށުމަށްފަހު އެ މަޝްރޫއުތައް ކުރިއަށް ނުދާ ވާހަކައަކީވެސް އަބަދުވެސް އެކި ފަރާތްތަކުން ދައްކާ ވާހަކައެކެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މިއަދާ ޖެހެންދެންވެސް ފުރިހަމަ ނުވެ އޮތީ، އެކި ސަރުކާރުތަކުން ހަދާފައިވާ މެނިފެސްޓޯއާއި އެކުލަވާލާ ސިޔާސަތުތަކުގެ ތަފާތުކަމާއި، އެއް ސަރުކާރުން ކުރި މަސައްކަތްތައް އަނެއް ސަރުކާރަކުން ކުރިއަށް ނުގެންދާތީއެވެ. ނުވަތަ ކޮންސެޕްޓުތަކަށް ބަދަލުތައް ގެނައުމެވެ. އެކަމުގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ރައްޔިތުންނެވެ.
މިކަމަށް ހައްލެއް ގެނައުމަށްޓަކައި ”ގައުމީ ތަރައްގީގެ ޕްލޭނެއް“ އެކުލަވާލުމަށް މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ކުރަން ވަނީ ފަށާފައެވެ. މިކަމުން ރައްޔިތުންނަށް ވާނެ ފާއިދާއަކީ ކޮބާތޯ އާއި އަދި ދުނިޔެ މިހާ އަވަހަށް ކުރި އަރަމުން އަންނަ ޒަމާނެއްގެ ދިގު މުއްދަތަށް މި ފަދަ ޕްލޭނެއް އެކުލަވާލާނަމަ އޭގެއިން ގައުމަށް ހަގީގަތުގައިވެސް ފައިދާ ކުރާނެ ތޯ މިއީ އުފެދޭނެ ސުވާލެކެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް އައުމާއިއެކު، ވަރަށް ގިނަ ކަންކަމަށް ބަދަލުތަކެއް އަންނާނެއެވެ. މީގެން ގައުމަކަށް އަންނާނެ ބަދަލުތަކަށް ބަލާއިރު، އެގައުމެއްގައި ކުރިއަށް ގެންދާނެ ބޮޑެތި މުހިންމު މަޝްރޫއުތައް އޮންނާނީ ކަނޑައެޅިފައެވެ. މި ޕްލޭނަށް އޮންނާނީ ގާނޫނީ ބާރުވެރިކަން ދެވިފަ އެވެ.
އެހެންކަމުން ވެރިކަމުގެ ދައުރެއް ނިމުނު ކަމުގައި ވީނަމަވެސް، އައު ސަރުކާރަކުންވެސް ކުރިއަށް ދާން ޖެހޭނީ ޕްލޭނާއި އެއްގޮތަށެވެ. މިކަމުގެ ސަބަބުން އެ ސަރުކާރެއްގެ އެންމެ މުހިންމު ވާޖިބަކަށް ވާނީ، އެ ގައުމެއްގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށެވެ.
ކުއްލި ނިންމުންތަކާއި، ދައުލަތުގެ މާލިއްޔާއަށް ބުރަވާ ގޮތަށް ކުއްލި މަޝްރޫއުތައް ހިންގަން ނިންމުމާއި، އެވަގުތަކަށް މުހިންމު ނޫން ނުވަތަ ”ޕްރައިއޮރިޓީ“ ލިސްޓުގަި ވާ މަޝްރޫއުތައް އެއްފަރާތް ކުރުމުގެ ކަންކަން ނިމުމަކަށް އަންނާނެއެވެ. އަދި މިކަމުގެ ސަބަބުން އިސްވެސްޓަރުންގެ ބަރޯސާ ލިބި، ރައްޔިތުންގެ ބާރޯސާވެސް ހާސިލް ކުރެވިގެން ދާނެއެވެ.
އެހެންނަމަވެސް މީގެން ކުރާނެ ބައެއް ނޭދެވޭ އަސަރުތައްވެސް އެބަހުއްޓެވެ. އެގޮތުން ގައުމެއްގެ މާލީ ކަންކަން ކުރިއަށް އޮތް އަހަރުތަކުގައި އޮންނާނީ ކިހިނެތް ކަން އަންދާޒާ ކުރުމަކީ ދަތިކަމެކެވެ. އެއީ ރާއްޖެއަށް ބަލާއިރު، އިގތިސާދީ ހީނަރުކަމާއިވެސް ރާއްޖެ ވަނީ ުރިމަތި ލާފައެވެ. އަދި ހަމައެއާއިއެކު މުޅި ދުނިޔެއަށް ދިމާވީ ކޮވިޑް-19 ގެ ކާރިސާގައިވެސް މުޅީ ގައުމު އޮތ ގާތްގަނޑަކަށް ހުއްޓިފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށް ބަލާ، އެކަން ކަމަށް ރިއާޔަތް ކުރުމަކީ މުހިންމު ކަމެކެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް އެންމެ ނާޒުކު އެއްގައުމަށް ވާއިރު، އެހާލަތަށްވެސް މިފަދަ ޕްލޭނެއް ހެދުމުގައި ރިއާޔަތް ކުރަންޖެހެއެވެ.
ބޭރުގެ ގައުމުތަކުގައި މިފަދަ ޕްލޭންތައް ވަނީ ހަދާ، ތަންފީޒު ވެސް ކުރަން ފަށާފައެވެ. އެގޮތުން ސައުދީއާއި، ޗައިނާ އަދި ރުވާންޑާ ފަދަ ގައުމުތަކުގައިވެސް މިކން ވަނީ ތަންފީޒުކޮށްފައެވެ. އެގޮތުން ސައުދީގައި، ތެލަށް ބަރޯޗާ ވާ މިންވަރު ކުޑަ ކޮށް، އިއާދަކުރަނިވި ހަކަތަ އުފައްދާ، ޓޫރިޒަމް ފުޅާކޮށް، އަދި އޮކޮނިމޯ ބޮޑަށް ޑައިވަސިފައި ކުރަން މަސައްކަތް ކޮށްފައިވެއެވެ. އަދި އެ ވިޝަންގައި ޓެކްނޮލޮޖީއަށް ވެސް ހާއްސަ އިސްކަމެއް ދީފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ސައުދީގައި ޓޫރިޒަމް ފުޅާވެ، ފޮރިން އިންވެސްޓްމެންޓުތައް ގިނަވެ، އެކި ދާއިރާތައް ވަރަށް ބޮޑަށް ކުރިއަޜައިގެންދިޔައެވެ. ޗައިނާއަށް ބަލާއިރުވެސް، އިގްތިސޯދު ކުރިއެރުވުމާއި، އިންޑަސްޓްރިއަލް ޑެވެލޮޕްމެންޓާއި އަދި ބަނޑުހައި ހޫނުކަން ނައްތާލުމަށް ކުރި ޕްލޭން ނަތީޖާއަކަށް ވެގެން ދިޔައީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިކޮނޮމީއެއް އޮތް ގައުމަށް ޗައިނާ ވެގެން ދިއުމެވެ.
އެހެންނަމަވެސް ބައެއް އެ ގައުމުތަކުގައިވެސް އެކި ކަންކަމާއި ކުރިމަތި ލާފައިވެއެވެ. ސައުދީން އަދިވެސް ބަރޯސާ ވަނީ ތެލަށާއި ގޭހަށެވެ. އެގައުމުގެ 70 ނުވަތަ 80 އިންސައްތަ އާއްމަދަނީ އަކީ ތެލާއި ގޭހެވެ. އެއީ ޖީޑީޕީގެ 40 އިންސައްތައެވެ. އެހެންކަމުން ގުދުރަތީ ކާރިސާއެއް ދިމާވާ ހިންދެއްގައި ތެލުގެ ކަންކަމަށް އަސަރުކުރާ ކޮންމެ ފަހަރަކު ސައުދޯގެ އިގްތިސޯދަށް އެކަމުގެ އަސަރު ކުރާނެއެވެ. ޗައިނާގައި އައި ބަދަލަކަށް ވެގެން ދިޔައީ ނިޒާމު ބޮޑަށް މަރުކަޒީ ވެގެން ދިއުމެވެ. އާއްމު މައްސަލަތަކަށ ްމާބޮޑު އަހަންމިޔަތުކަމެއް ނުދެވުމުގެ ސަބަބުން އެގައުމުގައި ބައެއް ސިޓީތައް ކުރި އަރައިގެން ދިޔައިރު އަނެއްބައި ސިޓީތަކަށް ކުރިއަށް އަރައިގެން ދިއުމަށް ދަތިތަކާއި ކުރިމަތި ލާންޖެހުނެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް ގެނައުމަކީ މުހިންމު އަދި ރާއްޖެ ފަދަ ގައުމަކަށް ބޭނުންވެސް ކަމެކެވެ. އެއީ މި ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ކުރި އަރައިގެން ނުދިއުމާއި، ކުއްލި މަޝްރޫއުތައް ސަރުކާރުތަކުން އިއުލާނު ކުރުމާއި، ހާލަތާއި ނުބައްދަލު މަޝްރޫއުތަަކަށް ބަޖެޓު ހޯދަށް ހުށައެޅުން ފަދަ ކަންކަން ކުރަމުން އަންނާތީއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް ގެންނައިރު އޭގައި ވަށާއުގެންވާ ކަންކަމަށް ރިއާޔަތް ކުރަން ޖެހެއެވެ. ހަމައެކަނި ކުރާނީ ފައިދާ ކަމަށް ބަލައިގެން މަސައްކަތް ފަށައިފިނަމަ، ހީނުކުރާ ފަދަ ގެއްލުމަކާއި ކުރި މަތިލާން ޖެހިދާނެ ކަން ހަނދާން ބަހައްޓަން ޖެހެއެވެ.

