މި ވެރިކަން ގާއިމުވިއިރު އެންމެ ބާރަށް ދެކެވެމުންދިޔަ އެއް ވާހަކައަކީ މަސްވެރިންގެ މަހަށް ފައިސާ ނުލިބޭ ވާހަކަ ކަމަށާއި ނަަމަވެސް ސަރުކާރުން އެކަމަށް ހައްލެއް ގެނެސްފައިވުމުން މިއަދު އެ ވާހަކަތައް ދެކެވޭ އަޑު ނީވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު ތ ގުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ހަނާން ވިދާޅުވީ، ރައީސް ޑރ މުއިއްޒުއަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ވެރިއެއްކަމަށާއި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަންވެސް ހާމަވަމުންދާކަމަށެވެ. އަދި ވަކި ރަށެއްގެ ދެމެދު ތަފާތުކުރުމެއް ނެތި ރާއްޖޭގެ އިގްތިސާދު އައު އުސްމިންތަކަށް ގެންދަވަމުންދާކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށޭވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ރަށަށް ވަޑައިގެން ދެއްވި ވާޙަކަތަކުގެ ތެރޭގައި މި ސަރުކާރަކީ މާޔޫސްކަން ގެނުވާނެ ސަރުކާރެއް ނޫންކަން ހިއްސާކުރެއްވިކަމަށާއި މިއީ ތަރައްގީ ގެނެސްދޭނެ ސަރުކާރެއްކަމުގެ ޔަގީންކަން ދެއްވިކަމަށެވެ. މެމްބަރު ވިދާޅުވީ، ވޭތުވެދިޔަަ އަހަރުތަކަށް ބަލާއިރު ކޮޅުމަޑުލަކީ ތަރައްގީގެ ރާޑަރުން މުޅިންހެން ގެއްލިފައިވާ އަތޮޅެއްކަމަށާއި އެ ހިތާމަވެރި ހަގީގަތް ބަދަލުކޮށް އުންމީދީ ދިރުންތަކެއް ގެނެސްދެއްވީ ރައީސް ޑރ މުއިއްޒުކަމަށެވެ.
މެމްބަރު ވިދާޅުވީ، ތަ އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުން ޖާގަ ލިބިގެންދާނެ އަތޮޅެއްކަމުގެ ޔަގީންކަން ދެއްވާފައިކަމަށާއި މިހާރު އެކަމުގެ ހަގީގީ ކުލަތައް ފެންނަމުންދާކަމަށެވެ. އެހެންކަމުން ރައީސްއަށް އެކަމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.
ހަނާން ވިދާޅުވީ، ގުރައިދޫއަކީ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ރަށެއްކަމަށެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ އޮޑިދޯނިފަހަރުވެސް ހުރިކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު އެންމެ ބާރަށް ދެކެވެމުންދިޔަ އެއް ވާހަކައަކީ މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވަމުންދާ ވާހަކަ ކަމަށެވެ. ނަމަވެސް މިއަދު އެ ވާހަކައެއް ނުދެކެވޭކަމަށާއި ސަބަބަކީ އެކަމަށް ސަރުކާރުން ހައްލެއް ގެނެސްފައިވުންކަމަށެވެ.
މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒުވަނީ އެ ވައުދު ވަރަށް ފުރިހަމައަށް ފުއްދަވައިދެއްވާފައިކަމަށާއި އެހެންކަމުން ދާއިރާގެ މަސްވެރިން ފަރާތުން ރައީސްއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

