ފެނަކައިން ހިންގި ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް ރައީސް މިކަމާއި ގުޅޭ ގޮތުން ވާހަކަދެއްކެވީ، ތ. ތިމަރަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އޮޑިޓް ރިޕޯޓާ ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ފަށާފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ފެނަކަ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އަންގަވާފައިވާނެކަމަށެވެ.
އޮޑިޓް އޮފީހަކީ މިނިވަން ތަނެއްކަމަށާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް އޮންނަ ތަނެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ހާމަކުރުމަށް ދުވަސްތަކެއް ނެގީ، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކުންފުނިތަކެއްގައިވެސް މިގޮތަށް ބާރުގެ ބޭނުކޮށް، ނަހަމަ ބޭނުންކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެކަމަށާއި، މިކަމުގައި އެންމެންވެސް ހަމަހަމަވާނެކަމަށެވެ. މީހާއަށް ބެލުމުގެ ބަދަލުގައި، ކުރި އަމަލަށް ބަލައިގެން ފިޔަވަޅު އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަންކަން ކުރިއަށް ގެންދާނީ އަދުލުވެރިކަމާއިއެކުކަމަށާއި، މި ސަރުކާރަކީ ސިޔާސީ ފަރާތްތައް ޖަލަށްލުމަށް މަސައްކަތްކުރާ ސަރުކާރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފާއިތުވި ދެ އަހަރުވެސް އެއްވެސް ސިޔާސީ މީހެއްގެ ފަހަތުން، އެ މީހަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމުން ޖަލަށްލުމަށް ޓަކައި ސަރުކާރުން އެމީހެއް ފަހާ ދުވެފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތް ކރުުމުގެ މިނިވަންކަން އޮންނާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެހެން ނަމަވެސް، ކަންކަން ކުރައްވަން ވާނީ ޒިންމާދާރުކަމާއިއެކު ތެދު ބަހުންކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ގޮތުގައި 2021 އިން 2023 އަށް، ވާދަވެރި ބީލަމުގެ އުސޫލުތަކާ ޚިލާފަށް 2.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވެއެވެ. މީގެ ތެރޭގައި 674 އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުންތައް ވަނީ އާންމު އުސޫލުން އިޢުލާނުކުރުމެއްނެތި، ވަކި ފަރާތްތަކަކަށް އަމާޒުކޮށްގެން ހެދިފައެވެ. ފެނަކައިގެ މުދަލާއި ޚިދުމަތް ހޯދުމުގެ ގަވާއިދުގައި، 225,000 ރުފިޔާއަށްވުރެ މަތީގެ މުޢާމަލާތްތައް ކުރަންޖެހެނީ އާންމު ބީލަމުގެ އުސޫލުންނެވެ. ނަމަވެސް، ޚިޔާނާތަށް މަގުފަހިކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ކުރެވޭ މުޢާމަލާތްތަކަށް މި ގަވާއިދު ނުހިނގާގޮތަށް ބަދަލުކުރެވިފައިވެއެވެ.
މި ޚިޔާނާތުގެ ސަބަބުން ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އާންމު އުސޫލުން ބޭރުން ހެދުނު 439 އެއްބަސްވުމުގެ ޖުމްލަ އަގު 1.37 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ކުންފުނީގެ މާލީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ލޮޅުމެކެވެ.
މި ޚިޔާނާތަކީ ޒިންމާދާރުކަން ކުޑަ ވެރިކަމެއްގެ ސީދާ ނަތީޖާއެކެވެ. ކުންފުނީގެ އިސްވެރިންނާއި ސަރުކާރުގެ އިސްފަރާތްތަކުގެ އިހުމާލުން ހިނގާފައިވާ މި ޚިޔާނާތުގެ ސަބަބުން:
- ކުންފުނީގެ މާލީ ހާލަތު ދަށްވުން
- ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ދަށްވުން
- ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އަސަރުކުރުން
- ދައުލަތުގެ މާލިއްޔަތަށް ނޭދެވޭ އަސަރުކުރުން
ފެނަކަ ކޯޕަރޭޝަންގައި ހިނގާފައިވާ މި ބޮޑު ޚިޔާނާތަކީ ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގައި ހުރި ބޮޑެތި މައްސަލަތައް ހާމަކޮށްދޭ ކަމެކެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމާއި، ޒިންމާދާރު ވެރިކަމެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިފަދަ ޚިޔާނާތްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަކީވެސް މުހިންމު ކަމެކެވެ.

