ގޭންގް ކުށްތަކުގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދީފައިވަނީ ޤާނޫނުގައި ބުނާ އެންމެ ބޮޑެތި އަދި އެންމެ ހައްސާސީ ކުށްތަކާ ގުޅިގެންކަމަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނަރަލް އައިޝަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ތިލަފަތް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިޝަތު ވިދާޅުވީ، ގޭންގް ކުށްތަކުގެ އައު ޤާނޫނުގައި ބައެއް ކުށްތަކާ ގުޅޭގޮތުން ޚާއްސަ އިޖުރާއަތުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޤާނޫނުގެ 4 ވަނަ މާއްދާ، 18، 19، 33، އަދި 34 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކުށެއް ކުރަން އުޅޭކަން ފުލުހުންނަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޤަބޫލު ކުރެވޭ ޙާލަތްތަކުގައި ކޯޓު އަމުރަކާ ނުލައިވެސް އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ލިބިދޭ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް މި ޚާއްސަ ބާރުތަކަކީ ޤާނޫނުގައި ހުރި ހުރިހާ ކުށަކާ ގުޅިގެން ފުލުހުންނަށް ލިބިދެވޭނެ ބާރުތަކެއް ނޫންކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މި ބާރު ފުލުހުންނަށް ލިބިދީފައިވަނީ ޤާނޫނުގައި ބުނާ އެންމެ ބޮޑެތި އަދި އެންމެ ހައްސާސީ ކުށްތަކާ ގުޅިގެންކަމަށްވެސް ޑެޕިއުޓީ ޕީޖީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ ބަލައި ފާސް ކުރުމާއި، އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އެބަ ލިބިގެންދޭ، އެހެންނަމަވެސް ހަމަ ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވޭ ޤާނޫނުގައި ވަރަށް ބައިވަރު ކުށްތަކެއް ބަޔާންކުރާއިރު އެއިން ހުރިހާ ކުށަކާ ގުޅިގެން ފުލުހުންނަށް މި ބާރުތަކެއް ނުލިބޭ
މީގެ އިތުރުން، އުޅަނދު ފަހަރަށް އަރައި ބަލާ ފާސްކޮށް މީހުން ހުއްޓުވާއިރުވެސް ޚާއްސަ ކަންތައްތަކެއް ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ސަމާލުކަން ދޭންޖެހޭ ވަކި ކަންތައްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެއިން އެނގިގެންދަނީ ފުލުހުންނަށް ބާރުތަކެއް ދިންއިރުވެސް އެ ބާރުގެ ބޭނުން ހިފަން ޖެހޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އަދި އެކަށީގެންވާ އިޖުރާއަތުތަކެއްގެ ދަށުންކަން އެނގިގެންދާކަމަށް އާއިޝަތު ވިދާޅުވިއެވެ.
އައިޝަތު އިތުރަށް ވިދާޅުވީ، މި ޤާނޫނުގެ ދަށުން ބައެއް ކުށްތަކުގައި ގެންދެވޭ މީހުން ޤާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލު ކުރެވުން ކޮންމެވެސް މިންވަރަކަށް ހަނި ކުރެވޭ ކަމަށާއި، އެގޮތުން 48 ގަޑިއިރަށް އެކަހެރިކޮށް ބައްދަލު ނުވެވޭގޮތަށް ހެދޭކަމަށެވެ. އެގޮތުން ވަކީލުގެ ޙައްޤު ހިފެހެއްޓުމުގެ ބޭނުމަށްޓަކައި 48 ގަޑިއިރު ގުނަނީ އެމީހަކު ހައްޔަރު ކުރާ ވަގުތަކުން ނޫން ކަމަށާއި، އެ މުއްދަތު ގުނަނީ އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް، ބަންދު ކުރާ ހިސާބުންކަމަށް އައިޝަތު ވިދާޅުވިއެވެ.
އެހިސާބުންވެސް އެ ހައްޤުތައް ހިފެހެއްޓެނީ ”ޗެކް އެންޑް ބެލެންސް“ ނިޒާމަކުންކަން ފާހަގަ ކުރައްވައި އައިޝަތު ވިދާޅުވީ، އެ ޙާލަތުގައިވެސް ޙައްޤު ހިފެހެއްޓެނީ ވަކި ޙާލަތްތަކެއް ފުރިހަމަވެގެން ކަމަށެވެ.
ގޭންގް ކުށްތަކުގެ އައު ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 25 އޯގަސްޓު 2025 ގައެވެ.

