ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމަކީ ފަނޑިޔާރުން ބަދަލުވެފައިވާތީ އިޖުރާއީ ގޮތުން ބޭއްވި އަޑުއެހުމެކެވެ. އެހެންކަމުން ދައުލަތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ވަނީ ދެއްވާފައެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަވެސް އޮތީ މަޑުޖައްސާލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.
އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.
އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ.
މި މައްސަލައިގައި އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވާ ހެކިތަކަކީ މި މައްސަލައިގައި ދިފާއީ ހެކިން ދިން ހެކިބަހުގައި ހުރި ވާހަކަތައް ނަފީކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އައު ހެކިތަކެކެވެ. އެއީ ދިފާއީ ހެކިވެރިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެކެވެ.
ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޯޓުން މައްސަލައިގެ ހެކިތައް އެއްފަރާތް ކުރީ މައްސަލައިގެ ހެކިތަކާއި ގުޅިގެން ހުށަހެޅި ހެކިތަކަށް ފަހުގައި، އެކަމާއި މެދު ރައީސް ޔާމީނާއި ޔޫސުފް ނައީމަށް ހުށަހެޅުންތައް ހުށަހެޅުމާއި، ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ބަޔާންކޮށް ކަމަށެވެ.
އެހެންނަމަވެސް، އެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހައިކޯޓުގެ ނިންމުމާ އެއްގޮތަށް މި މައްސަލައިގައި އައު ހެކިތައް އެއްކިބާކުރުމުން ނާއިންސާފު ޙާލަތްތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހުނީވެސް ދިފާއުން ހުށަހެޅި ހެކިތައް ނަފީ ކުރުމަށްކަމަށް ވަކީލު ވިދާޅުވިއެވެ. އެ ހެކިތަކަކީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ދަށު ކޯޓުގެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއީ ހެކިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެއްކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ހެކިތައް އެއްފަރާތް ކުރުމުން ދިމާވާ ނާއިންސާފުގެ މިސާލުތަކަށްވެސް ދައުލަތުގެ ވަކީލު ވަނީ އަލިއަޅުވާލައްވާފައެވެ.
ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ މުހިއްމު ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.
ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.
އޭގެ އިތުރުން، މައްސަލައެއް ކުރިއަށް ދަނިކޮށް އައު ހެކިތަކެއް ހުށަހެޅުމަކީވެސް ޤާނޫނު ނުދަންނަ ކަމެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދައުލަތުން އައު ހެކިތައް ހުށަހަޅަން ޖެހުނީވެސް ދިފާއީ ހެކިން ހެކިބަސް ދިން އިރު ދޮގު ހަދާފައިވާތީކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ 1 މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމާ ތަހުގީގުގައި ސުވާލު ކުރުމުން ހަނު ހުންނަވައި، ފަހުން ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ ޝަރީއަތުގައި ހެކިތައް ހުށަހެޅުމުން ޝައްކުތަކެއް އުފެދިފައިވާކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކިވެރިން ދިން ހެކިބަސްތަކުގައިވެސް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް އެބަހުރި ކަމަށެވެ. ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހޭ ޙާލަތު އައީވެސް އެ ސަބަބާހުރެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކިތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، އެ ހެކިންނާމެދު ބަހުސްކޮށް ތައުނު ކުރުމުގެ ފުރުސަތު ރައީސް ޔާމީނާއި ޔޫސުފް ނައމަށް ދެއްވައިގެން ދައުލަތުގެ އައު ހެކިތައް ބަލައިގަތުމާމެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ފުރުސަތު ދިނުމަށް ދައުލަތުން އެދޭ ކަމަށެވެ. އެ ޙާލަތުގައި ދެފަރާތުގެ ޙައްޤަށްވެސް އުނިކަން ނާންނާނެ ކަމަށާއި، ނަމަވެސް ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކޮށްފިނަމަ ދައުލަތުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ވަކީލު ވިދާޅުވިއެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު ނުކުތާތަކަކީ އެއީއެވެ.
ދައުލަތުން ހާމަކުރި ހެކިތައް އެއްކިބާކުރަން ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ އިޖުރާއީ އައިބުތަކަށް ހައްލު ހޯދާދިނުމުގެ އުސޫލާއި ޚިލާފުކަމެއް ކަމަށްވެސް ޕީޖީން ޤަބޫލުކުރެއެވެ. މި މައްސަލައިގައި ދިމާވެފައިވަނީ އިސްލާޙު ކުރެވިދާނެ ފަދަ އިޖުރާއީ އައިބެއްކަންވެސް ދައުލަތުން ފާހަގަ ކުރެއެވެ.
ދައުލަތުން މި އައު ހެކިތައް ކޯޓަށް ހުށަހެޅީ 4 އޮކްޓޯބަރ 2022 ގައެވެ. އެއީ ދައުލަތަށް އެ ހެކިތައް ލިބުނު ދުވަހެވެ. ދައުލަތުން ބުނާ ގޮތުގައި އެ ހެކިތަކަކީ ދިފާއީ ހެކިން ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ހޯދުނު ހެކިތަކެކެވެ.
ޝަރީއަތް ކުރިއަށް ދަނިކޮށް ހެކި ހާމަކުރުމާއި، ހެކި ހުށަހެޅުމަކީ ޖިނާއީއިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުއްދަކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެއީ އާ ކަމެއް ކަމަށް ދިފާއުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫން ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތަށްވެސް އިންސާފު ލިބެންޖެހޭ، ޚަސްމުންގެ މެދުގައިވެސް ހަމަހަމަކަން އޮންނަންޖެހޭ، ޝަރީއަތުން ކުރާ ޙުކުމަކީ އިންސާފަށް ދާން ވާސިލުވާން އޮންނަ ދޮރެއް ބަންދުވާ ގޮތަށް އޮންނަ ޙުކުމަކަށް ވެގެން ނުވާނެ
މި އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ފުރަތަމަ އީވައިސީގެ ޔައުމިއްޔާގެ ގޮތުގައި ހުށަހެޅިފައި އޮތީ ސޮއި ނުކުރާ ޑްރާފްޓެއް ކަމަށާއި، އެއީ ރައީސް އޮފީހުން ތަހުގީގަށް ލިއެކިއުންތައްވެސް ލިބިފައިވަނިކޮށް ދައުލަތަށް އެރި އޮޅުމެއްގެ ތެރެއިން ހުށަހެޅުނު ޑްރާފްޓެއް ކަމަށެވެ. އަދި ފަހުން އައު ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅީ ސޮއިކޮށްފައިވާ ޑްރާފްޓްކަމަށް ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުން ހުށަހެޅި އައު ހެކިތަކަކީ ދައުލަތުގެ ”ކޭސް ވަރުގަދަ ކޮށްލުމަށް“ ހުށަހެޅި ހެކިތަކެއް ކަމަށާއި، އާދަޔާ ޚިލާފަށް ދަށު ކޯޓުގައި ކަންކަން ހިނގާފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ހަމައެއާއެކު، މިހާރު ދައުލަތުން ސުޕްރީމް ކޯޓުގައި ކުރަމުންދަނީ މުޅިން އައު ބަހުސެއްކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޝަރީއަތުގެ އުސޫލުތަކާ ޚިލާފު، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ އިސްތިއުނާފެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުން ހުށަހެޅީ ކޮންމެވެސް ޤާނޫނީ މާއްދާއަކަށް އިސްތިއުނާފު ފެތޭތޯ ހުށަހެޅި ނުކުތާތަކެއް ކަމަށާއި، ސުޕްރީމް ކޯޓަކީ ދައުލަތަށް ޤާނޫނީ ލަފާދީ ގޮތް ނިންމަން އޮންނަ ތަނެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ނަރީޝްގެ ހާޒިރީ ހުށަހަޅަން އެދޭތީއާ، ދައުލަތަށް ހުށަހެޅުނު އަންސައިންޑް ޑޮކިއުމަންޓެއްގެ ސައިންޑް ވާޝަން ހުށަހަޅަން ދައުލަތުން އެދޭތީ މި ކޯޓުގެ ޓައިމް ވޭސްޓް ކުރާނެ ވަރުގެ ޤާނޫނީ މާއްދާއެއް ނޫނީ އުސޫލެއް ނެތް،
މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބައެއް ސުވާލުތަކަށްވެސް ދައުލަތާއި ދިފާއުން ވާހަކަ ދައްކާފައިވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ. ފަނޑިޔާރުން ވިދާޅުވީ، ވަރަށް އަވަހަށް މި މައްސަލައިގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

