ގަވައިދާ ހިލާފަށް އޯޕަން ވިޒާގައި އުޅޭކަމަށް ބުނެ މަސައްކަތްކުރަން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީން ފާހަގަކުރެވިއްޖެ ނަމަ ޑިޕޯޓުކޮށް، ވަޒީފާ ދިން ފަރާތަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އާއްމުކުރި މައުލޫމާތުގައި ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުތަކުގެ ތެރޭގައި ހިމެނޭގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅާއި އެއްގޮތަށް ”ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރެއިން އެންމެފަހުން ފަށާފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި މައްސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ އެކި ކަންކަން ހުރި ކަމަށެވެ. އެގޮތުން ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ދާ ކަން ފާހަގަވެފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އޯޕަން ވިސާގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަަންފާތައް ހޯދާކަމަށްވެސް އެ މުވައްސަސާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވިޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އަކަނި ކަމަށެވެ. އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއްދީ، ވަޒީފާ ދޭ ފަރާތްތަކުން އެމީޙުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުވަން އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަސައްކަތުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީން މަސައްތެރިންނާއި ގުޅޭ ކަންކަން ހަރުދަނާކޮށް، ގާނޫނާއި އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަން ކުރުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަކީ ވެސް މިކަމުގެ އެއް މަގްސަދު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

