ފެނަކަ ކޯޕަރޭޝަންގެ 2.2 ބިލިއަން ރުފިޔާގެ ހިޔާނާތަކީ އެއީ ވަރަށް ރޭވުންތެރިކަމާއިއެކު އޭރުގެ ސަރުކާރަށްވެސް އިނގިގެން ހިންގާފައިވާ ވައްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަކުރާރުވަމުން އަންނަނީ އެކި ސަރުކަރުތަކުން މިފަދަ މައްސަލަތއް ނުބަލާ ދޫކޮށްލާތީ ކަމަށެވެ. މިސާލު ނަންގަވާ މެމްބަރު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ވެސް އަދި ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަވެސް ފާހަގަކުރެވޭ ކަމަށެވެ. މަމްދޫހު ވިދާޅުވީ ފެނަކައިގެން މި މައްސަލަ ފެންމަތި ވެގެން ުއޅޭނީ މިއަދު ނޫން ކަމަށެވެ.
މިއީ 2021 ވަނަ އަހަރު ކޮރަޕްޝަންގެ ކަންކަން ހިނގަމުންދިޔަކަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އޭސީސީގެ ރިޕޯޓަކުން ސާފުކޮށްދީފައިވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ. އެހެންނަމަވެސް ފެނިގެންދިޔައީ އޭސީސީގައި ތިބި މެމްބަރުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށް މައްސަލަ އޮއްބާލަން މަސައްކަތް ކުރިތަން ކަމަށް މެމްބަރު ވިދާޅޫވިއެވެ.
މި ކަމަކީ އޭރުގެ ސަރުކާރުގެ އެންމެ މަތިން ފެށިގެން އެންމެ ދަށަށްވެސް ސާފުވެފައި އޮތް މައްސަލައެއް ކަމަށެވެ. އޭރުގެ ސަރުކާރުން ފެނަކަ ބޭނުންކުރީ ކޮރަޕްޝަނުން ހޯދާ ފައިސާ ސިޔާސީ ގޮތުން ބޭނުންކޮށް، ސިޔާސީ އަދި މާލީ މަންފާތަކެއް ހޯދަން ކަން ސާފުވާ ކަމަށެވެ.
”އޭރު އެމްޑީޕީގެ ވެރިކަމުގެ ފަހު ދެ އަހަރު ރަށްރަށުގެ ބްރާންޗް ތަކަށް ނަގާފައި ހުރި މުވައްޒަފުންނަށްވެސް ޕެޓީ ކޭޝްގެ ގޮތުގައިވެސް ވަރަށް ބޮޑެތި އަދަދުތައް އެބަހުރި ޖަމާކޮށްލަ ދީފަ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮރަޕްޝަންގެ ކަންތައްތައް އޭރު ފެންމަތިވެގެން އައިމާ، މިކަންތައްތައް އޮއްބާލަން އޭރުގެ ސަރުކާރުން، އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ މަތިންފެށިގެން މަސައްކަތް ކުރިތަން. އޭރުގެ މަޖިލިސް ބޭނުން ކުރީ އަޅުގަނޑޫ މި ފާހަގަކުރިހެން ކަރަޕްޝަންގެ މައްސަލަތައް އޮއްބާލަން“
މަމްދޫހު ވިދާޅުވީ ފެނަކައިގެ ތެރެއިން އޭރުގެ އެމްޑީ އާއި ސަރުކާރުގެ އިސްވެރިން ނާޖާއިޒް ގޮތުގައި ނަގާފައިވާ ފައިދާ އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށެވެ. އެމްޑީޕީގެ ބޭފުޅުންގެ ގާތް ކުންފުނިތަކަށް އެ ފައިސާތައއް ގޮސްފައިވާ ކަމަށްވެސް މަމްދޫހު ވިދާޅޫވިއެވެ. މި މައްސަލައަކީ މިއީ އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ނޭންގި ހިނގިކަމެއް ނޫން ކަމަށް މަމްދޫހު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިއީ ރޭވުންތެރިކަމާއިއެކު ހިންގާފައިވާ 2.2 ބިލިއަން ރުފިޔާގެ ވައްކަމެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަހުގެ ތާޜީހެއްގައިވެސް މިވަރުގެ ވައްކަމެއް ފާހަގަވި މިއީ ފުރަތަމަ ފަހަރު ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.

