ފެނަކައިގެ އޮޑިޓާ ގުޅިގެން އެމްޑީޕީން ކަންބޮޑުވަނީ އެ ޕާޓީއަށްވެސް ބައި އެޅިގެން ހިންގާފައިވާ ކޮރަޕްޝަންތަކެއް ހިމެނޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ، ފެނަކައިގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އޭރުގެ ސަރުކާރުގެ އިސް ވެރިންނާއި މަޖިލިސް މެމްބަރުންގެ ގާތް ފަރާތްތަކަށްވެސް ފައިސާތައް ދޫކޮށްފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ ފައިސާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ސާފުކޮށް ފެންނަން މި ހުރީ އޭރުގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކަށާއި، އެމްޑީޕީގެ ލީޑަރޝިޕްގައި މިއަދުވެސް މަސައްކަތް ކުރަމުންދާ ބޭބޭފުޅުންގެ ކުންފުނިތަކަށާއި އެބޭފުޅުންގެ އާއިލީ ކުންފުނިތަކާއި އެބޭފުޅުންގެ ރައްޓެހިންގެ ކުންފުނިތަކަށް 2.2 ބިލިއަން މިއޮތީ އަޅާލާފައި
މަމްދޫޙު ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންނަށް ފައިދާވާނެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަން ނުހިންގޭނެ ކަން ކަށަވަރު ކުރުމަށްޓަކައިވެސް މުހިއްމު ނިޒާމުތަކެއް ޤާއިމު ކުރާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ޕްރޮޖެކްޓުތައް ހިންގަމުންދަނީވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ ނަތީޖާ ނެރެވޭނެ މަގަކުންކަމަށް މަމްދޫޙު ވިދާޅުވިއެވެ.
މި މައްސަލައަކީ މިއީ އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ނޭންގި ހިނގިކަމެއް ނޫން ކަމަށް މަމްދޫހު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިއީ ރޭވުންތެރިކަމާއިއެކު ހިންގާފައިވާ 2.2 ބިލިއަން ރުފިޔާގެ ވައްކަމެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަހުގެ ތާޜީހެއްގައިވެސް މިވަރުގެ ވައްކަމެއް ފާހަގަވި މިއީ ފުރަތަމަ ފަހަރު ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީން ހަގީގަތުގައި ކަންބޮޑުވަނީ މި ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންދާ ފަރާތްތަކަށްވެސް ބައި އެޅިގެން ހިންގާފައިވާ ކޮރަޕްޝަނަކަށް މި މައްސަލަ ވާތީ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.
އަނެއްކާވެސް ފެނަކައިގެ ކޮރަޕްޝަނާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައީ، 2021 އިން 2023 އަށް ކުންފުނި ހިންގާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާއި އެކު އެވެ. ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ހިމެނޭ، މި ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކަ ކުންފުނީގެ މާލީ ހާލަތު އަހަރުން އަހަރަށް ދިޔައީ ގޯސްވަމުންނެވެ.
އެގޮތުން ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއާއި، ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރި ފައިސާ އެކަށީގެންވާ ގޮތެއްގައި މެނޭޖް ނުކުރެވުމުގެ ސަބަބުން، ކުންފުނީގެ ދަރަނި އިތުރުވެ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތްކަން ރިޕޯޓުން އެނގެއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 773 ބިލެއް ނުދައްކާ ހުރިއިރު، މި ބިލުތަކުގެ ޖުމްލަ އަދަދަކީ 2.9 ބިލިއަން ރުފިޔާއެވެ.

