ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި 4 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ސައީދުގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
”ސަންގު“ އާ ވާހަކަ ދައްކަވަމުން ވަކީލު ވިދާޅުވީ، އެ މައްސަލައިގެ ޙުކުމަށް ބަލާއިރު އިސްތިއުނާފު ކުރެވޭ ވަރުގެ ނުކުތާތައް އެބަހުރި ކަމަށާއި، އެހެންކަމުން ސައީދުގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައަކީ މިއީ، ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާއި ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކޮށްފައިވާ މައްސަލައެވެ.
ސައީދުގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ސަޢީދު ހަވާލުވުމުގެ ކުރިން ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން މި އެއްބަސްވުމަކީ ފެނަކައިން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް އެއްބަސްވުމެއް ކަމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ސަޢީދު ހަވާލުވި އިރު، މި މައްސަލައާ ގުޅިގެން ބައެއް މުޢާމަލާތްތައް ހިނގާފައިވާއިރު، މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، މި މައްސަލައާ މެދު ގޮތެއް ނިންމުމަކީ ސައީދުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
ސައީދުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލާގައި ފެނަކައިގެ ޤާނޫނީ ވަކީލުން ވެސް ލާފާ ދީފައިވެއެވެ. އެގޮތުން ވަކީލުން ލަފާދެއްވާފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓަކަށް ނުގޮސްފިނަމަ، ބްލޭޒަން ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުގައި، ފެނަކައިން އެ ކުންފުންޏަށް ދޭންޖެހޭ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން މި ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ނިންމީކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމެންޓް ހެޑް، މަރްޔަމް ދީނާގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މިކަމުގައި ހަރުކަށި އަދަބު ކަނޑައަޅަން ނިންމި ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ. އެއީ ހަތަރު އަހަރަަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފައެވެ. އަދި އޭސީސީގައިވެސް އޭނާ އަށް ތުހުމަތުވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޮތް ކަން ފާހަގަކުރެވެއެވެ.

