ނިކުންނާނެ ނަތީޖާއަކަށް ބެލުމެއް ނެތި ބިލިއަނުން ފައިސާ ޗާޕު ކުރުމަށް ފަހު ވެސް އެއީ ރައްޔިތުންނަށްޓަކައި ކުރި ދީލަތި މަސައްކަތެއްކަމަށް ދެއްކުމަށް އެމްޑީޕީ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ އެތެރޭގެ ކޮރަޕްޝަނާއި ގުޅުން ހުރި އޮޑިޓު ރިޕޯޓު އާންމު ކުރުމާއި، އެކު މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން މާލީ ގޮތުން ހާލަތު ދަށްވަމުން ދިޔަ އެ ކުންފުނީގެ އޮޑިޓުގައި ހިމަނާފައި ވަނީ 2021 އިން 2023 ގައި ހިންގާފައިވާ ކަންކަމެވެ. އޭގެ ތެރޭގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކާއި، ވާދަވެރި ބިޑިންއަކަށް ހުޅުވާނުލައި ދީފައިވާ ޕްރޮޖެކްޓުތައް ހިމެނެ އެވެ. އަދި މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ކުރި މުއާމަލާތްތަކުން ފެށިގެން، ޕެޓީ ކޭޝްގެ އެކި މައްސަލަތަކާއި ކުންފުނީގެ ކުރީގެ މޭނިޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ އާއިލީ މަސްލަހަތު އޮތް ކުންފުނިތަކަށް ބިޑިން ޕްރޮސެސްއާއި ނުލައި ދިން ޕްރޮޖެކްޓުތައް ހިމެނެ އެވެ.
އޮޑިޓުގައި ހިމެނެނީ ސިޔާސީ ވާހަކަތަކެއްކަމަށް ބުނެ، އެމްޑީޕީ ވަނީ ރިޕޯޓާއި ދެކޮޅަށް ނިކުމެފަ އެވެ. އަދި ސައީދަށް ކުރަނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްކަމަށް ވެސް ބުންޏެވެ.
ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަތައް އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ވެސް ދެކެވުނެވެ. އަދި އޭރު ވެސް އެމްޑީޕީ ވަނީ އެކަން ދޮގުކޮށްފަ އެވެ. މި މައްސަލައިގައި ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއް ދަރަނިވެރި ކުރުމަށްފަހު ކަމަށެވެ. މި ކުންފުނިތައް ދޯދިޔާކޮށް ހިންގުމުގެ ސަބަބުން ބަނގުރޫޓުވާ ހާލަތަކަށް އޭރު ގޮސްފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި އެމްޑީޕީ 80 ބިލިއަން ރުފިޔާއަށް އަރާ ބިންތައް ގާތް މީހުންނަށް ބަހާލި ކަމަށެވެ. އަދި އޭގެ ސަބަބުން ހުޅުމާލޭގެ ލޭންޓް ޔޫސް ޕްލޭނަށް އެއްކޮށް ނެތި ދިޔައީކަމަށް ވިދަޅުވި އެވެ. ސައީދު ވިދާޅުވީ މިއީ ތަން އެއްކޮށް މޯގޭޖުކޮށް ހަދާފައިވާ ބިންތައް ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދައްކާނެ ގޮތެއް ނުހޯދައި، އެއްވެސް ކަމަކާއި މެދު ވިސްނާ ނުލައި ހިތު ހުރި ގޮތަކަށް ނިންމުންތައް ނިންމީކަން ފާހަގަކުރި އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު އައިއްސަ އަނެއްކާވެސް 9000 ގޯތި ބަހައިލީ 9000 ގޯތި ބަހައިލިއިރު ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނިން އެއްކޮށް ދިޔައީ ކޮލެޕްސްވެގެން. އެނެއްކޮޅުން ގިރާވަރު، ގުޅީފަޅުއިން އުފަންނުވާ ބިންތައް ވެސް ކަނޑުން ބަހާލީ. މި ކިޔަނީ 80 އެތައް ބިލިއަން ރުފިޔާއެއް އަގުހުރި ބިންތަކެއްގެ ވާހަކަ މުޅި ތަން މޯގޭޖުކޮށްގެން ހަދާފައި ހުރީ. ކޮންތާކުންތޯ އެ ފައިސާ ދައްކަނީ. މާނަޔަކީ ކަމެއް ވިސްނާނުލާ، ހަމަ ހިތުހުރި ގޮތަކަށް ބަހައި ހިތުހުރި ގޮތަކަށްކޮށްފަ މި ބޭފުޅުން ކަމެއް ކުރަން ވެއްޖެއްޔާ ހަމަ ކޮންމެ ގޮތަކަށް ވެސް ކޮށްލަންވީ. ދެން ރައްޔިތުންގެ ތެރެއަށް ނެރޭ ނެރެޓިވް އަކީ ތިމަންނަމެން ކިހާ ދީލަތިހެއްޔޭ
ކުންފުނިތަކުގެ ދަރަންޏާއި ގުޅޭގޮތުން ސައީދު ވިދާޅުވީ ފެނަކައިގެ އެކަނި ވެސް 3.4 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. އަދި ގައުމީ އެއާލައިންގެ 1.9 ބިލިއަން ދަރަނިއާއި، މަސް ކުންފުނި މިފްކޯގެ 664 މިލިއަން ރުފިޔާގެ ދަރަނި އަދި އެމްޓީސީސީގެ 939 މިލިއަން ރުފިޔާގެ ދަރަނި އޮތް އިރު އާރުޑީސީގެ ދަރަނި 773 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
މީގެއިތުރުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަރަނި ވެސް 195 މިލިއަނަށް އަރާކަން ފާހަގަކުރައްވައި ވިދާޅުވީ ވެމްކޯގެ ދަރަނި އޮތީ 102 މިލިއަން ރުފިޔާއަށް އަރައި ހިދުމަތް ނުދެވޭ ހިސާބަށް ގޮސްފައި ކަމަށެވެ.
ސައީދު ވިދާޅުވީ މިހުރިހާ ކަމެއްގެ ތެރެއިން ވެސް ސަރުކާރުން 08 ބިލިއަން ރުފިޔާ ޗާޕު ކުރިކަމަށެވެ. މިއީ އެންމެ ވެރިއަކު، ރާއްޖެ ހިންގުމުގެ ނަމުގައި ޗާޕު ކުރި އަދަދުކަމަށް ސައީދު ވިދާޅުވި އެވެ.
އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދާތީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެދުނުކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެންދާނެކަމުގެ އިންޒާރު ދިންކަމަށެވެ.
އަޅުގަނޑު ފޮނުވިން އެންމެން އޭގެ ވަނައަށް ދެފަހަރު ސިޓީ އަލީހާޝިމްއަށް. ސަރުކާރުން އެކަން ކުރިއަށް ނުދޭށޭ މަނިކުފާނު ބިރުފުޅު ނުގަންނާށޭ އެ ދުވަސް ވެސް ނިމޭނެއޭ. ފައިސާ ޗާޕުނުކުރާށޭ. ޑޮލަރު މީ ދިވެހި ރުފިޔާގެ މައްޗަށް ވަރަށް ބޮޑުތަނުން ވަރުގަދަ ވެގެންދާނެ. ތިހެން ތިކަން ކުރީމަ. އަޅުގަނޑުމެންނަށް ވެސް އެ ވާހަކަތައް ދިރާސާކޮށް ކިޔައިދޭ މި އެކްސްޕާޓުން ވެސް ތިބޭ. އެކަމުގެ ވަރަށް ފަންނީ ބޭފުޅުން ވެސް ތިބޭ. އެހެންވީމާ އެ ހުރިހާ ދިރާސާއަކާ އެއްކޮށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިނގޭތޯ ކުރިއިރުގައި އެބޭފުޅުން އެއަކަށް އަޑެއް ނޭހި.
މި ކަންބޮޑުވުންތައް ފާހަގަކޮށް އޭރުގެ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަލީ ހާޝިމަށް ސިޓީއެއް ވެސް ފޮނުވިކަން ސައީދު ފާހަގަކުރެއްވި އެވެ. ސައީދު ވިދާޅުވީ ސަރުކާރުގެ ޕެރެޝަރަށް ގޮސް ފައިސާ ޗާޕު ކުރަން ޖާގަ ނުދިނުމަށް އެދުނު ކަމަށެވެ.
ސައީދު ވިދާޅުވީ މި ކަންބޮޑުވުންތައް ފާޅުކުރަމުން ދިޔައީ ކަމުގެ ތަޖުރިބާކާރުންނާއި އެކު ކުރި މަޝްވަރާއާއި ދިރާސާތަކަށް ކަމަށެެވެ.
ރާއްޖޭގެ މާލީ ހާލަތު ވެއްޓިދާނެ އަނދަވަޅުން ސަލާމަތް ކުރުމަށް ގޮވާލި ނަމަވެސް، އެމްޑީޕީން އެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެއްކަމަށް ސައީދު ވިދާޅުވި އެވެ.

