އައްޑޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ޝަންގްރިއްލާ ރިސޯޓު މި އަހަރުގެ ނިޔަލަށް އަލުން ހުޅުވައި ހިދުމަތް ދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ރިސޯޓުގެ ހިންގުމާއި ހަވާލުވެ އޮތް ކުންފުންޏާއި އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެއްބަސްވެފައި ވަނީ މި އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ހިދުމަތް ދޭން ފެށުމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ގައި ބަންދުކުރި މި ރިސޯޓު އަލުން ހުޅުވުމަށް ނިންމި އިރު، ތަނުގެ ހިދުމަތް ވީހާވެސް އަވަހަށް ފަށައި އިގްތިސާދީ ކުރިއެރުން އައްޑޫއަށް ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށެވެ.
ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާއަކީ 2009 ގައި އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކުރި ރިސޯޓެކެވެ. މި ރިސޯޓު ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ ތަނުގައި ވަޒީފާ އަދާކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ޝަންގްރިއްލާގެ ހިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުގެ ސަބަބުން، އައްޑޫ އިންވެސްޓްމަންޓްސްއާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު، ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަަކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސްއިން މި އަހަރުގެ ނިމުމުގެ ކުރިން ރިސޯޓު ހުޅުވައި ހިދުމަތްތައް އަލުން ފެށުމަށް އެއްބަސްވީކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މި ރިސޯޓަކީ އައްޑޫގެ އިގްތިސާދީ ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެކެވެ. އަދި ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް ރިސޯޓުގެ މެނޭޖްމަންޓާއި އައްޑޫ އިންވެސްޓްމަންޓްސް ނިންމި މި މުހިންމު ނިންމުން ބަލައިގަނެ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ރިސޯޓު އަލުން ހުޅުވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު މަންފާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަމަށް ވެސް ބަޔާނުގައި ވެއެވެ. މީގެ ސަބަބުން ރިސޯޓުގައި ކުރިން ވަޒީފާ އަދާކުރަމުން އައި އަދަދަށް ވުރެ ގިނަ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ ރިސޯޓު ހުޅުވުމުގެ މަސައްކަތާއި، އެ ތާރީހުތަކުގެ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެކަމަށެވެ.

