ކޮރަޕްޝަން ހުއްޓުވަން ވޭތުވެދިޔަ 15 އަހަރު ފުރުސަތު ލިބުނު އިރު އެކަން ނުކޮށް ދޫކޮށްލައިފައި، މިއަދު މަގުތަކަށް ނިކުންނަނީ ކޮން ބޭނުމަކުތޯ ސުވާލުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅޫވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މިވަގުތު ދަނީ އެ މަސައްކަތް ކުރަމުން ކަމަށެވެ. ވޭތުވެދިޔަ 15 އަހަރު މި ފުރުސަތު ލިބުން އިރު އެކަން ނުކޮށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުންނަނީ ކޮންކަމެއް ހާސިލްކުރަންތޯ ވިސްނަން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެބޭފުޅުން އޭރު މަގާމުތަކުގައި ތިބިއިރު ކޮރަޕްޝަން ހުއްޓުވަން ކުރި މަސައްކަތަކާއި ގުޅޭގޮތުން ސުވާލުވެސް ކުރަން ޖެހޭ ކަމަށެވެ. އަދި މިއަދުގެ ސަރުކާރަށް މިކަން ހުއްޓުވަން ކުރާ މަސައްކަތްތަކަށް ސުވާޅުކޮށްފި ނަމަ އެ ޖަވާބުވެސް ދެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީން އިހުތިޖާޖަށް ނިކުންނައިރު، އެ ޕާޓީން ބުނެފައި ވަނީ އެއީ މި ސަރުކާރުން ކުރަމުންދާ ކޮރަޕްޝަންތަކާއި އަދި ސަރުކާރުން ދައުލަތް ލޫޓުވާލައިފައި ވާތީ ކުރާ އިހުތިޖާޖެއް ކަމަށެވެ. އެހެންނަމަވެސް އިހުތިޖާޖަށް ގާތްވެފައި ވަނިކޮށް އެމްޑީޕީގެ ސަރުކާރުގައި، ފެނަކައިގެ 2.2 ބިލިއަންގެ ހިޔާނާތައި ގުޅޭ އޮޑިޓް ރިޕޯޓެއް ވަނީ ނެރެފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީއަށް ދަނީ ބޮޑެތި ފާޑުކިއުން ތަކެއް އަމާޒު ވަމުންނެވެ.

