ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަހަމަކަމާ މެދު އަޑުއުފުލުމުގައި ޗައިނާ ވަނީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ ސާބިތު ބައިވެރިއަކަށް: ރައީސް

ހަމަހަމަކަމާ މެދު އަޑުއުފުލުމުގައި ޗައިނާ ވަނީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ ސާބިތު ބައިވެރިއަކަށް: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ދިވެހިރާއްޖެ އާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރާއި، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރައްވާފައިވަނީ، ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްގެ ގޮތުގައެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި، އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަޤުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަޙުމަތްތެރިކަން ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ސިޔާސީ، ޘަޤާފީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށާއި، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަޤުބަލަކަށް ދެ ޤައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: