ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ގޮނޑުދޮށް ސާފުކުރުމާއި، މަންސާގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށެވެ.
މި އެއްބަސްވުމުގެ ދަށުން، 3 އޮކްޓޯބަރ 2025 ގައި ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި ހަރަކާތަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެކެވެ. މ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެއެވެ. މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި ’މަންސަ‘ ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައިއެވެ.
މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅިވައިގެން ހިންގާ ހަރަކާތްތަކެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައިއެވެ. މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ’ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު‘ މި އެވެ.

