ފެނަކައިގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހު ނުދެކޭ ވަރު ބޮޑު ހިޔާނާތެއްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
މި މައްސަލައިގައި މަޖިލީހަށް ހުށައެޅި ގަރާރުގައި ވަނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ ކުންފުންޏެއްކަމަށްވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވިއިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އެކި ފަރާތްތަކާއިއެކު، އުސޫލުން ބޭރުން އެއްބަސްވުންތައް ހަދާފައިވާކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަންވެސް އޮޑިޓް ރިޕޯޓުން އެނގޭކަމަށްވެއެވެ.
ފެނަކައިގެ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސް އިބްރާހީމް މުހައްމަުދ ސާލިހަށް 2021 ވަނަ އަހަރު އަންގާފައިވާކަން ހާމަވެފައިވާކަމަށްވެސް ގަރާރުގައިވެއވެެ. މި ތިން އަހަރުގެ މުއްދަތުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންގެ އެންގުމުގެ ތެރެއިން ހިނގާފައިވާ ވައްކަންތަކެއްކަމަށް ބެލެވޭކަމަށް ގަރާރުގައިވެއެވެ. އެކަންކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއްވެސް އަޅާފައި ނުވާއިރު، މިފަދަ އަމަލުތައް ހިންގުމަށް ޖާގަ ލިބޭނެހެން އަމަލު ކޮށްފައިވާކަމަށްވެސް ގަރާރުގައިވެއެވެ.
މި މުއްދަތުގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށާއި، މިއީ ޖުމްލަ 673 އެއްބަސްވުމެއްކަމަށްވެސް ގަރާރުގައެވެ. މީގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާންމު އުސޫލުން ބޭރުންކަމަށް ފާހަގަކޮށް އެގޮތުން މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާން ކޮށްފައި ނުވާކަމަށްވެއެވެ. އަދި މިކަން ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ބޭނުން ގޮތަކަށް މަސައްކަތް ހަވާލުކުރާނެ ބަޔަކު ކުރިން ކަނޑައަޅާ ނިންމުމަށްފަހު، ހާއްސަ ކޮމެޓީއަކުންކަމަށްވެސް ރިޕޯޓުގައި އެނގެން އެބައޮތްކަމަށް ގަރާރުގައެވެ.
އޭރުގެ ފެނަކައިގެ އެމްޑީ ސައީދު އޭނާގެ އާއިލީ ތިން ކުންފުންޏަކަށްވެސް 49.7 މިލިއަން ރުފިޔާ ކޮންޓްރެކްޓަށް ދީފައިވާކަމަށް އޮޑިޓުން ހާމަވާކަމަށާއި، އެގޮތުން އެ ރިޕޯޓުން ސައީދުގެ އާއިލީ ތިން ކުންފުންޏަކާއިއެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް އެ މުއްދަތުގައި ހަދާފައިވާކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ތިން ކުންފުންޏަށް ޖުމްލަ 31.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ހާމަވާކަމަށްވެއެވެ.
ފެނަކައިން އިންޖީނުގެއާއި އޮފީސް އިމާރާތްތައް އެޅުމާއި ފެނާއި، ނަރުދަމާގެ މަޝްރޫއުތަކާއި ގުޅުންހުރި ހަރަދުތައް ކުރުމަށް މި ތިން އަހަރު ޖުމްލަ 26،493،169 ޕެޓީ ކޭޝް ފައިސާގެ ގޮތުގައި އެ މަޝްރޫއުތަކުގެ ޕްރޮޖެކްޓް މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުންނަށް ދޫކޮށްފައިވާކަމާއި، މީގެ ތެރެއިން 21،368،039 ރުފިޔާ އެ މުވައްޒަފުންގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމަށްވެއެވެ. ބާކީ 5،125،130 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ހަވާލުކޮށްފައިވާކަންވެސް އޮޑިޓުގައި ފާހަގަކޮށްފައިވާކަން ގަރާރުގައިވެއެވެ.
ފެނަކައިން ކަރަންޓާއި ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޯށްދޭ ރަށްރަށުގެ ބްރާންޗުތަކުގައި ރައްކާތެރިކަމާއިއެކު ފައިސާގެ ކަންކަން ބެލެހެއްޓުމަށް ތިޖޫރިއާއި ކުންފުނީގެ ދާއިމީ މުވައްޒަފުންޏާއި، އަދި ބައެއް ބްރާންޗުތަކުގައި ބޭންކު އެކައުންޓްފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް، ކުންފުނިން އިންހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ޕެޓީ ކޭޝް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުަމށް ކޮންޓްރެކްޓް އުސޫލުން ވަގުތީ ގޮތުގައި ނަގާފައިވާ މުވައްޒަފުންކަމަށްވެސް އޮޑިޓުގައިވާކަމަށްވެއެވެ.
މީގެ އިތުރުންވެސް ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެތަކެއްކަމެއް ކރުުމުގެ ސަބަބުން ދައުލަތަށް ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަންވެސް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފައިކަމަށްވެސް ގަރާރުގައިވެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތްކަމަށް ބެލެވޭކަމަށްވެސް ގަރާރުގައިވެއެވެ. ގަރާރުގައި އިތުރަށް ބުނީ މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި، އެފްޕީއައިޑީގެ ހިޔާނާތަށްވުރެވެސް ފައިސާގެ ގޮތުން ބަލާއިރު ބޮޑު ހިޔާނާތެއްކަމަށް ރައްޔިތުންވެސް ތުހުމަތުކުރާކަމަށެވެ.
މިކަންކަން މިހެން އޮތުމުން، އެ ފައިސާއިން ކުރި ހަރަދުތަކާއި، ހަރަދުކުރި ބޭނުމާއި އަދި އެ ފައިސާ ހަރަދުކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ބޭނުމަށްކަން ކަށަވަރުކުރެވިފައި ނުވާތީ، ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތީ ރައްޔިތުންގެ ފައިސާއަށް ބޮޑު ހިޔާނާތެއްވެފައިވާކަންކަމަށް ފާހަގަކުރެވޭތީ، ދައުލަތުގެ އިދާރާތަކުން މިކަންކަން އިތުރަށް ބަލައި ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.

