ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށާއި، ނަމަވެސް ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ހާލަތު މުޅިން ބޮއްސުންލާފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީން ”ލޫޓުވައިފި“ އެއްވުމުގައި ބައިވެރިވާން ނިންމައިފިއެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީއާއި އަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެ، ސަރުކާރުން ކުރާ ވައްކަމާއި ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށާއި، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ.
އިގްތިސާދީ ގޮތުން ގައުމު ދަނީ ދަށަށް ކަމަށް ފާހަގަކޮށް، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ކަރަންޓުގެ އަގު ބޮޑުވެ، ވިޔަފާރިތައް ފުނޑި، އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތަކެއް އާއިލާއެއް ބިކަވެފައިވާ ކަމަށް ދެ ޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އާސަންދައިގެ ނިޒާމު ހަލާކުކޮށްލައި، އެންސްޕާ މެދުވެރިކޮށް ސިޔާސީ ކަންކަމަށް ޚަރަދުކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާންމު ބޭހާއި ފަރުވާ ނުލިބި، ”އަނެއްކާ ވެސް ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުވެފައިވާ“ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާލައި، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް ލަސްކޮށްފައިވާ ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށްވެސް ދެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

