އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އަންގާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ތަހުގީގު އަންނަ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން މިވަގުތު 37 މައްސަލައެއް ދަނީ ތަހުގީގު ކުރަމުންދާކަމަށެވެ.
މީގެ އިތުރުން 161 މައްސަލަ ތަހުގީގުކޮށް ނިންމައި، ގޮތް ނިންމުމުގެ މަރުހަލާގައިވާކަމަށް ކޮމިޝަނުން ހާމަކުރެއެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ދައުވާ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ބުނެއެވެ.
ކޮމިޝަނުން ބުނީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އެ ކޮމިޝަނުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތީންކަމަށެވެ. އަދި، އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ގާނޫނީ ހަމަތަކުގެ މަތީން މަސައްކަތް ކުރަމުންދާކަމަށް ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ ކޮމިޝަނުގެ ފަންނީ ގާބިލުކަން ތަންދޭ އެންމެ ބޮޑަށް ތަހުގީގުތައް ފުރިހަމަގޮތުގައި ކުރިޔަށްގެންދާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.
މީގެ އިތުރުން، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަހުގީގުތައް އަވަސްކޮށް، ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

