އެމްޑީޕީގެ ވެރިކަމުގައި 2019 އާއި 2023 އާ ދެމެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ހިދުމަތުން 200 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކުންފުނިން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
އެޗްޑީސީން އާންމު ކުރި ބަޔާނެއްގައި ބުނީ ހިޔާނާތުގެ ތެރޭގައި ކުންފުނީގެ މުދަލުން ވައްކަންކުރުމާއި، ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ނެގުމާއި، ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނީގެ ބިންތައް ކުއްޔަށް ދިނުންފަދަ މުއާމަލާތްތައް ހިމެނޭ ކަމަށެވެ. އަދި އެޗްޑީށީން ކަނޑައަޅާފައިވާ އިޖުރާއާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަންވެސް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަލަ ތަހުގީގުކޮށްދޭން އެދި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ތަހުގީގު ކުރިޔަށް ގެންގޮސް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލެއް ދޭނެކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ވެރިކަމުގައި ހިނގިކަމަށް ތުހުމަތު ކުރެވޭ ގިނަ ކޮރަޕްޝަނުގެ މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ ދަރަނީގެ ހާލަތު ވެރިކަމާއި ހަވާލުވިއިރު ވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް މި ސަރުކާރުން ފާހަގަކުރެ އެވެ.
އެންމެ ފަހުން މިފަދަ މައްސަލައެއް ފެންމަތިވެގެން އައީ ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓު ރިޕޯޓުންނެވެ. 2021 އިން 2023 އަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައި ވެސް ހިޔާނާތުގެ ގިނަ މައްސަލަތައް ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ މައްސަލަތަކެއް ވެސް ކުންފުނީގެ އޮޑިޓުން ފާހަގަވެ އެ މައްސަލަ ދަނީ ބަލަމުންނެވެ.

