އަހަރު ނިމޭއިރު ށ މިލަންދޫގައި އެކްސްރޭގެ ހިދުމަތް ފެށިގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ މިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރަށްތަކުގައި އުމްރާނީ ތަރައްގީ މަޝްރޫޢުތައް ހިންގާއިރު ބިނާކުރެވޭ ތަންތަނާއި ވަސީލަތްތައް ބެލެހެއްޓިގެންދާކަން ކަށަވަރުކުރުން މުހިންމުކަމަށެވެ. ރައީސް ވިދާޅުވީ، މެއިންޓެނެންސް މަސައްކަތްތައް ވަރަށް މުހިންމު ވެގެންދާކަމަށާއި ނަމަވެސް އެކަމަށްޓަކައި ސަރުކާރުގެ ބަޖެޓުން ހަރަދުތަކެއް ކުރަމުންދިއުމަކީ ދެމެހެއްޓިނިވިކަމެއް ނޫންކަމަށެވެ.
އެކަމާއިމެދު ވިސްނުމަށްފަހު ސަރުކާރުންވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެވެސް އެއް ރަށުގައި ޕަބްލިކް ވޯކްސް މަރުކަޒެއް ގާއިމުކުރުމަށް ނިންމާފައިކަމަށާއި ށ އަތޮޅުގައި ގާއިމުކުރަނީ ފުނަދޫގައިކަން ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، ދެވަނަ ރަށެއްގެ ގޮތުގައި މިލަންދޫގައި އެފަދަ މަރުކަޒެއް ގާއިމުކުރައްވާނެކަމަށާއި ހިންގުމަށް ކަނޑައެޅިފައިވާ ބައެއް މަޝްރޫޢުތަކުގެ އިތުރުންވެސް އެހެނިހެން ބައެއް ކަންކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން ތަންދޭ މިންވަރަކުން އެންމެ ރަނގަޅަށް ތަރުތީބުކޮށްގެން ހަމަޖައްސަވަމުން ގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ، ވަރަށް ގިނަ މުހިންމު މަޝްރޫޢުތަކެއް ފެށިފައިވާކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގެ ތެރެއިން ބައެއް މަސައްކަތްތައް ކުރެވޭނެއިރު އެއްބައި ކަންކަން ކުރިއަށް އޮތް އަހަރުގެ ބަޖެޓުން ހަމަޖައްސަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ތަރުތީބެއް އެކުލަވާލައިގެން ރަށުގައި ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކާއި އެހެނިހެން ކަންކަމަށްވެސް ބަޖެޓުން ޖާގަ ލިބިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވާލަނީ ރަށްތަކުގައި ކުރަން ހުރި މަސައްކަތްތަކަށް ބަލައި ތަރުތީބުކޮށްގެންކަމަށެވެ. ރައީސް ވިދާޅުވީ، މިހާރުވެސް އިތުރު ބައެއް މަސައްކަތްތައް ކުރެވެމުންދާކަމަށާއި ސިއްހީގޮތުން ހޮސްޕިޓަލް އެޅެންދެންވެސް މިހާރު އޮތް ސިއްހީ ނިޒާމު ތަރައްގީ ކުރުމަށްވެސް މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. މިގޮތުން އެކްސްރޭގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ހެލްތު މިނިސްޓްރީންދަނީ މަސައްކަތް ކުރަމުންކަމަށާއި މެޝިނު ބަހައްޓާ ތަނުގެ ބައެއް މަސައްކަތްތައް ކުރަމުންދާކަން ހާމަކުރެއްވިއެވެ.
އެ މަސައްކަތްތަކަށް އިތުރު ދެ މަހެއްހާ ދުވަސް ހޭދަވެގެންދާނެކަން ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެހެންކަމުން އަހަރު ނިމުމުގެ ކުރިން ރަށުގައި އެކްސްރޭގެ ހިދުމަތް ފެށިގެންދާނެކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާކަމަށެވެ.

