އައްޑޫ ސިޓީގެ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށް އެއް ކައުންސިލް ”ހުޅުމީދޫ ކައުންސިލް“ އުފައްދަން ފެނޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ވޯޓު ނެގުމަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓު 2025 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2025 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.
މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓުގައި ވޯޓުދިނުމުގެ ޙައްޤުލިބޭ ފަރާތްތައް، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ގޮތުގެ ތަފްސީލުތައްވެސް އީސީން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ބަލާއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. އަދި އައްޑޫ ސިޓީގެ ފޭދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ފޭދޫއަށެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުން މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ ހުޅުދޫ/މީދޫއަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ.

