މިއަދު ރާއްޖޭގެ ކަންކަން ހުރިގޮތަށް ބަލާއިރު، ތިމާ ތާއީދުކުރާ މީހާ ގޯސްކަމެއް ކުރިނަމަވެސް، އެހިސާބުން ގޯސްވަނީ އެކަމެއް ބަލާ މުއައްސަސާކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ، ސަރުކާރުތަކުން ކޮރަޕްޝަން ހުއްޓުވުމަށް އެކިއެކި މަސައްކަތްތައް ކޮށްފައިވާ ކަމަށާއި، އެކި އިދާރާތައް އުފައްދައި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލުތަކާއެކުވެސް ދުވަހެއް ދުވަހަކަށް ކޮރަޕްޝަން އައީ އިތުރުވަމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
ހިޔާނާތާއި ވައްކަން ހުއްޓުވުމަށް އޮފީސްތަކާ އެއްޗެހި ހަދައި، ބައިނަލްއަޤުވާމީ ފެންވަރުގެ ތަންތަން އަޅުގަނޑުމެންގެ ތެރެއަށް ގެނައީ، އެހެންނަމަވެސް މި ނިޒާމު ޕްރެކްޓިސް ކުރަން ފެށިފަހުން އެހެން ގިޔަރެއްގައި ކޮރަޕްޝަން ހިންގަން ފެށީ، ހިޔާނަތް އިތުރުވާން ފެށީ،
މެމްބަރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކަންކަން ހިންގި ގޮތް ގޯސްކަމަށް ބުނެ އައު ވެރިކަމެއް ގެނައި ނަމަވެސް، އޭގެ ފަހުން ކަންކަން ފެންނަމުންދިޔައީ މާ ގޯސްކޮށް ކަމަށެވެ. އެގޮތުން މިއީ ނިޒާމުގެ މައްސަލައެއްކަން ނުވަތަ ޤާނޫނީ ބާގަނޑެއްގެ ސަބަބުން ދިމާވާ ކަންކަންތޯ މުޅިން ސާފު ނުވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހަގީގަތުގައި މުޅި ޤައުމުގެ މެނޭޖްމަންޓު މިއަދު އޮޑިޓް ކުރަން ޖެހިފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ޤައުމު މިހާރު މި އޮތީ މުޅި ޤައުމުގެ މެނޭޖްމަންޓް އޮޑިޓް ކުރާ ހިސާބަށް ގޮސްފައި، މުޅި ޤައުމުގެ މެނޭޖްމަންޓް އެކީ އޯވަހޯލްކޮށް އޮޑިޓްކޮށްފައި މި ހުރި ދޯހަޅި ކަންކަން އަލުން ރަނގަޅު ކުރާ ހިސާބަށް ގޮސްފައި،
މެމްބަރު ވަނީ ކޮރަޕްޝަންގެ މައްސަލަތައް ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާ ގޮތަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ވިދާޅުވީ، މުޅި މުޖުތަމައުގެ ގިނަ ބައެއްގެ ވިސްނުންވެސް މިއަދު މުޅިން ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ބަޔަކުވެސް ބަލަނީ އުސޫލާ ޚިލާފަށް ކަންކަން ކުރެވޭތޯކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ތިމާ ތާއީދުކުރާ މީހާ ގޯސްކަމެއް ކުރިނަމަވެސް، އެހިސާބުން ގޯސްވަނީ އެކަމެއް ބަލާ މުއައްސަސާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

