ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ދައްކައި، އަވަސް ފިޔަވަޅު އެޅީ މި ސަރުކާރުން އެކަނިކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކާއި އެކު، ފެނަކަ އޮޑިޓު ރިޕޯޓު އާންމު ކުރުމުން އެ ތުހުމަތުތަކުގެ އަޑުވަނީ ގަދަވެފަ އެވެ. ފެނަކަ އޮޑިޓުގެ މައްސަލަ ބެލުމަށް މަޖިލީހަށް ސަރުކާރުގެ މެމްބަރުންގެ ފަރާތުން ވަނީ ގަރާރެއް ވެސް ހުށަހަޅާފަ އެވެ.
މައްސަލައިގައި އައިފާން ވިދާޅުވީ ފެނައިގެ ތެރޭގައި ކޮރަޕްޝަން އާންމުވެފައިވާކަމުގެ ޝަކުވާ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވެސް އޮތް ކަމަށެވެ. އަދި ހިޔާނާތް ހިނގާކަން އެނގި ތިބެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށް ވިދާޅުވި އެވެ.
އެގޮތުން ފެނަކައިގެ ޑީއެމްޑީގެ މަގާމުން އިބްރާހީމް ވަހީދު (އިބުރޭ) ވަކިވީވެސް އެ ތުހުމަތުކޮށްކަން އައިފާން ފާހަގަކުރި އެވެ.
އައިފާން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އޮޑިޓުން އެނގިގެން ދަނީ، ތަނުގެ ވެރިން ކުންފުންޏާއި މެދު އަމަލު ކުރި ގޮތް ކަމަށެވެ. އަދި ދައުލަތަށް ވެފައި ހުރި ހިޔާނާތް އެ ރިޕޯޓުން ހާމަވާއިރު އެއްވެސް ކުންފުންޏެއްގެ ތެރޭގައި، ވައްކަން ކުރުމަށް މި ސަރުކާރުން ޖާގައެއް ނުދޭނެކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ދެނީ މި ސަރުކާރުން ކަމަށެވެ. އަދި ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްވެފައިވާ ކޮންމެ ބައެއްގެ މައްޗަށް މި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށް އައިފާން ވިދާޅުވި އެވެ،
މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ހަގީގީ މާނައިގައި ޒީރޯ ޓޮލަރެންސް ދޭކަން މި އޮޑިޓުތަކުންނާއި އަދި މި ހިރި އެކިއެކި ފަރާތްތަކުން ދައުލަތުން ނޫނީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވެފައި ހުރި ފަރާތްތަކުގެ މައްސަލަތައް ސަރުކާރުން ބަލަން ފެށީމަ އަޅުގަނޑުމެންނަށް މައްސަލަތައް ބަލަން ފެށީމަ، އެކަމުން ޔަގީން ޔަގީންވެގެންދޭ
އައިފާން ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުން، ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުން ލިބުނު ނަމަވެސް އެމްޑީޕީއަށް އުނދަގޫވާކަމަށެވެ. އޭގެ ސަބަބަކީ އެ ޕާޓީގެ ޝާމިލުވުން ކޮރަޕްޝަނުގައި އޮތް މިންވަރު ބޮޑުވުންކަމަށް އައިފާން ވިދާޅުވި އެވެ.
އޮކްޓޯބަރު 3 ގައި ބޭއްވި އެއްވުމަށް ފަހު، އަންނަ މަހުގެ 17 ގައި އެމްޑީޕީ ބާއްވާ އެއްވުމަށް އިޝާރާތް ކުރައްވައި އައިފާން ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް އުނދަގޫ ކުރުމަށް އެ ޕާޓީގެ އާދައެއް ކަމަށެވެ.
އައިފާން ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ވައްކަން ހިނގާކަމަށް ބުނެ އެމްޑީޕީ އިހުތިޖާޖު ކުރިނަމަވެސް، އަސްލު މައްސަލައަކީ އެއީ ނޫންކަމަށެވެ. ނުވަތަ ތަރައްގީގެ މަޝްރޫއެއްގެ މައްސަލައެއް ވެސް ނެތްކަމަށާއި، ހުރިހާ ވެސް ގޯހަކީ އެ ޕާޓީގެ ވައްކަން ރައްޔިތުންނަށް އެނގި ހާމަވުންކަމަށް އައިފާން ވިދާޅުވި އެވެ.
މީގެއިތުރުން އައިފާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުގެންދާކަމަށް، ނުވަތަ ޕްރޮޖެކްޓުތައް ހުއްޓިފައިވާކަމަށް ބުނެ އިދިކޮޅުން ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެވެ. ސަރުކާރު ފެށިގެން އައި އިރު ދަތިތައް ދިމާވި ނަމަވެސް މާލީ އެ ގޮންޖެހުންތަކުން އަރައިގަނެވިފައިވާކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވީ ސަރުކާރުން އެންމެ ބޭނުންވާ ހަލުވި ސްޕީޑުގައި ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންދެވޭކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ.

