އެމްޑީޕީގެ ފަސް އަހަރު ނިމި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ މާލީ ހާލަތު އިންތިހާއަށް ދަށްކޮށްލާފައި އޮތުމުގެ ސަބަބުން ހިދުމަތްތައް ދެވޭނެ މިންވަރަށް ފައިސާއެއް ނެތްކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނަސީރު ވިދާޅުވީ، ހިސާބު އަކުރުން ފައިސާ ހުރިކަމަށް ލިޔެކިއުންތަކުގައި ހުރި ނަމަވެސް އެއީ އެމްޑީޕީގެ އޮޅުވާލުމެއް ކަމަށެވެ. ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބާއި ދިމާކޮށް އެތައް ޕްރޮޖެކްޓެއް އެމްޑީޕީން ކުންފުނިތަކަށް ބޮޑު އަގުގައި ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން 3 މިލިއަނަށް ކުރެވެން އޮތް މަސައްކަތްތައް ވެސް 20 މިލިއަނަށް ދޫކޮށްލާފައިވާކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވި ގޮތުގައި ބައެއް ޕްރޮޖެކްޓުތައް ހުއްޓިފައި ހުރި ސަބަބަކީ އެއީ އެވެ. މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ބެލީ ކުންފުނިތަކާއި ވާހަކަދައްކައިގެން ކުރިޔަށް ދެވޭނެ ގޮތެއް ހޯދުމަށްކަމަށް ނަސީރު ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވެފައި ތިބި މިފަދަ ޕްރޮޖެކްޓުތައް އެއްވެސް ގޮތަކުން ހުއްޓިގެން ދާން ސަރުކާރުން ބޭނުން ނުވާކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ވޭތުވެ ދިޔަ ސަރުކާރުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރެވިފައި ނެތްކަމަށެވެ. ވެރިކަމަށް އައުމަށް އެކުލަވާލާ މެނިފެސްޓޯގައި ބޮޑެތި ވައުދުތައް ވުމަށް ފަހު އޭގެ ޖެހިގެން އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ހަމަ އެ މޭރުމުން މަސައްކަތް ކުރާތަން ފެންނަކަމަށް ނަސީރު ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސަތުތަކުގެ ތެރެއިންނާއި، ރައްޔިތުންނަށްވެފައިވާ ބޮޑެތި ވައުދުތަކުން ތަންފީޒު ކުރެވިފައި ވަނީ ކޮން ކަންތަކެއްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން ގައުމާއި ހަވާލުވިއިރު އަޅުގަނޑުމެންގެ އަތަކު ނެތް ފައިސާއެއް.. ހިސާބު އަކުރު ޖަހާފައި ހުރި.. ފިޒިކަލީ ނެތް.. ދެން އޮތީ ފަށާދައި ހުރި މަޝްރޫއުތައް. އެ އިންތިހާއަށް އަގުބޮޑުކޮށް ހަވާލުކޮށްފައި އޮތީ.. 3 މިލިއަނަށް ކުރެވޭ ކަންކަން 20 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި އޮތީ.
ނަސީރު ވިދާޅުވީ ގައުމު ދަރަނިވެރިވެގެން މިފަދަ މަސައްކަތްތައް ކުރިޔަށް ދާން ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި މުހިންމީ ދެމެހެއްޓެނިވި ގޮތެއްގެ މަތީން ކުރިޔަށް ދިއުންކަމަށް ނަސީރު ވިދާޅުވި އެވެ.
ސަރުކާރުން ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައިވާކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ ސިޔާސީ ގޮތުން ވަކި މަންފާއެއް ނެގުމަށްޓަކައި ކުރާ ތުހުމަތުތައްކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު އެތައް ކުންފުންޏަކަށް އަދި މަސްވެރިންނަށް ވެސް އެތައް މަސައްކަތެއް ކުރުވައި އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ހުރިކަމަށެވެ.
އެމްޑީޕީގެ ދައުރުގައި ނަހަމަ އަމަލުތަކެއް ހިންގިކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް ވިދާޅުވަމުން، އެކަންކަން ބަލަން ފެށުމުން އެމްޑީޕީން މަގުމައްޗަށް ނުކުންނަ ސަބަބަކާ މެދު ނަސީރު ވަނީ ސުވާލު އުފައްދާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ދައުރުގެ ބައެއް ކަންކަމަށް ވެސް އެމްޑީޕީން ސެޓެލްމެންޓު ހެދިކަން ފާހަގަކުރައްވައި، މިހާރު ވެސް ސެޓެލްމެންޓު އުސޫލުން ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ނަސީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަނީ ގައުމު ބިނާކުރުމަށް ކަމަށާއި މަގުމަތީގެ ހަރަކާތްތަކުން ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެމްޑީޕީން ބޭނުން ނަމަ އިންތިހާބާ ހަމައަށް މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

